ޔޫކްރެއިން އަށް މިހާރު ރަޝިޔާއިން ދެމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންގެ 498 ސިފައިން ޔޫކްރެއިން އިން މަރާލާފައިވާ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
ރަޝިޔާގެ 498 ސިފައިން މަރުވެ، 1597 ސިފައިން ޒަޚަމްވެފައިވާ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއާއި ހަވާލާދީ، އެގައުމުގެ ދައުލަތުގެ މީޑިއާ އާރްއައިއޭއިން ވަނީ ރިޕޯޓުކޮށްފައެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ބުނި ގޮތުގައި ހަނގުރާމައިގައި، ޔޫކްރެއިންގެ 2،870 މީހުން (ސިފައިންނާއި އާންމުން ހިމެނޭހެން) މަރާލާފައިވާ ކަމަށާއި، 3،700 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ރަޝިޔާއިން މިހެން ބުނެފައިވާއިރު އަދި މިހާތަނަށް ޔޫކްރެއިން އިން މިކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައިނުވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ހަނގުރާމައިގައި އެންމެ ބޮޑަށް ގެއްލުން ލިބެނީ ޔޫކްރެއިން ސިފައިންނަށް ވުރެ ރަޝިއާ ސިފައިންނަށާއި އުޅަނދުތަކަށެވެ. އެކަމަކު، ރަޝިއާގެ ހަމަލާތަކުން ޔޫކްރެއިންގައި ހުރި ތަންތަނަށް ލިބޭ ގެއްލުން ބޮޑެވެ. އަދި ޔޫކްރެއިންގެ ގިނަ އާންމުންތަކެއް ވެސް ވަނީ މަރުވެފައެވެ.

