ޔޫއެން ޖެނެރަލް އެސެމްބްލީގައި ބޭއްވުނު ތާރީޚީ، އެމަރޖެންސީ ބައްދަލުވުމުގައި، ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ ޔޫއެންގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރަށް އިންޑިޔާ ހިމެނޭހެން ދެކުނު އޭޝިޔާގެ 4 ޤައުމަކުން ވޯޓު ދީފައި ނުވެއެވެ.
މިޤަރާރަށް ޔޫއެން ޖެނެރަލް އެސެމްބްލީގެ 141 ޤައުމަކުންވަނީ ވޯޓު ދީފައެވެ. އެހެންނަމަވެސް މިޤަރާރަށް ވޯޓުނުދޭ ދެކުނު އޭޝިޔާގެ ޤައުމުތަކަކީ އިންޑިޔާ، ސްރީލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝްއެވެ. ދެކުނު އޭޝިޔާގެ 4 ޤައުމުގެ އިތުރުން އިތުރު 31 ޤައުމަކުން މިޤަރާރަށް އެއްވެސް ކޮޅަކަށް ވޯޓުނުދެއެވެ. އެގޮތުން އަރަބި ބައްރުން އިރާންއާއި، އިރާގްއާއި، އެފްރިކާ ބައްރުން ސައުތު އެފްރިކާއާއި ޒިންމާބުވޭވެސް ހިމެނެއެވެ.
ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ އުދުވާނީ ހަމަލާތައް ރާއްޖެއިން ވަނީ ކުއްވެރިކޮށްފައެވެ. އެހެންނަމަވެސް އިންޑީޔާއިން މިޤަރާރަށް ވޯޓުނުދިމުން އެގިގެންދަނީ އިންޑިޔާއިން އެހަމަލާތައް ކުށްވެރިނުކުރާ ކަމެވެ.
ރަޝިޔާއިން ޔުކްރެއިނަށް ދެމުންދަނީ އުދުވާނީ ހަމަލާތަކެއްކަން ޔޫއެންގެ ބޮޑު އަޢުލަބިއްޔަތަކުން ފާސްކުރި މިޤަރާރުން ހާމަވެގެންދެއެވެ.
މިޤަރާ ދެކޮޅަށް ވޯޓު ދީފައިވަނީ ރަޝިއާގެ އިތުރުން، ޔޫކުރެއިން ހަމަލާ ދިނުމަށް ރަޝިއާއަށް އެހީތެރިވެދިން ބެލަރޫސްއާއި އަދި އޭގެ އިތުރުން އެރިޓްރިއާ، ނޯތް ކޮރެއާގެ އިތުރުން ސީރިއާއެވެ.
ޔޫއެންގެ ވެބްސައިޓުގައިވާގޮތުން ޔޫއެން ސެކިއުރިޓީ ކައުންސިލްގެ އެދުމުގެ މަތިން، އެމަރޖެންސީ ހާލަތުގައި އެންމެ ފަހުން އާންމު މަޖިލިސް އެއްވެފައިވަނީ 1982ވަނަ އަހަރުގައެވެ.
ރަޝިޔާ އާއި ޔުކްރެއިންގެ ހަމަލާތަކުގައި މިހާތަނަށް 227 އާންމުން ރައްޔިތުން މަރުވެ، 525 މީހުން އަނިޔާވެފައިވާކަން ޔޫއެންއިން ވަނީ ހާމަކޮށްފައެވެ. އަދި ރަޝިއާގެ ގިނަ އަދެއްގެ ސިފައިން މަރުވެފައިވާކަމަށް ޔޫކުރެއިން ބުނެފައިވާއިރު، ރަޝިއާއިން ބުނެފައިވަނީ މަރުވެފައިވަނީ އެގައުމުގެ 500 އެއްހާ ސިފައިން ކަމުގައެވެ.

