އަބޫބަކުރު ސްކޫލްގެ "ދަރިވަރު އިސްވާރުވުން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު 2022" ރޭ އެސްކޫލްގެ ހޯލުގައި ބާއްވައިފިއެވެ.
މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، ތިނަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަރީފްއެވެ. މިރަސްމިއްޔާތުގައި ތިނަދޫ ކައުންސިލް މެމްބަރުންގެ އިތުރުން ތިނަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވެސް ބައިވެރިވެލެއްވިއެވެ.
ައަބޫބަކުރު ސްކޫލްގެ ދަރިވަރު އިސްވާރުވުން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްކޫލްގެ އެކިއެކި މަޤާމުތަކަށް ދަރިވަރުން ވަނީ އައްޔަން ކޮށްފައެވެ. އެގޮތުން 39 ޕްރިފެކްޓަރުންނަށް މަޤާމް ހަވާލުކުރެވުނުއިރު ސީނިޔަރ ޕްރިފެކްޓް ކަމުގެ މަޤާމަށް 19 ދަރިވަރަކު ވަނީ ހޮވިފައެވެ. އަދި ސޭޝް މަޤާމުތަކަށް 16 ދަރިވަރަކު ވަނީ ރޭ އައްޔަން ކޮށްފައެވެ.
މީގެ އިތުރުން ދަރިވަރުންގެ ޖަމިއްޔާގެ ރައީސަކަށް ހޮވިފައިވަނީ ހަމޫދު މުހައްމަދު ލަތީފްއެވެ. އަދި ދަރިވަރުންގެ ޖަމިއްޔާގެ ނައިބު ރައީސަކަށް ހޮވިފައިވަނީ އުއްމު ކުލްސޫމް މުހައްމަދުއެވެ.
2022 ވަނަ އަހަރު އަބޫބަކުރު ސްކޫލްގެ ކެޕްޓަނަކަށް ހޮވިފައިވަނީ އައިޝަތު ރުދައިނާ މުހައްމަދު ރަފީއުއެވެ. އަދި ޑެޕިއުޓީ ކެޕްޓަނަކަށް ހޮވިފައިވަނީ އަބޫބަކުރު ސްކޫލްގެ ގްރޭޑް 6B ދަރިވަރު އައިޝަތު އާލާ މުހައްމަދު އަހުމަދުއެވެ.
2020 ވަނަ އަހަރުން ފެށިގެން އަބޫަބަކުރު ސްކޫލްގެ ކެޕްޓަނަކަށް ހުރީ މަރިޔަމް ނީމް ނަސްރުﷲ އަދި ޑެޕިއުޓީ ކެޕްޓަނަކީ މަރިޔަމް ރަދާ މުހައްމަދު ރަފީއުއެވެ.

އަބޫބަކުރު ސްކޫލްގެ "ދަރިވަރު އިސްވާރުވުން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު 2022″ގެ ޝަރަފްވެރި މެހެމާން މުހައްމަދު ޝަރީފް ވާހަކަ ދައްކަވަނީ – ފޮޓޯ: މުހައްމަދު އަޚްތަރު
މިޖަލްސާގައި ވާހަކަ ދައްކަވަމުން މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މުހައްމަދު ޝަރީފް ވަނީ އެސްކޫލްގެ ދަރިވަރުންނަށް އަގުހުރި ނަސޭހަތްތަކެއް ދީފައެވެ. އެގޮތުން މުސްތަޤުބަލުގައި އިސްމަޤާމުތަކުގެ ގޮޑިތަކުގައި ތިބޭނީ މިއަދުގެ ދަރިވަރުން ކަމަށާއި ކޮންމެ ދަރިވަރަކުވެސް ވާންޖެހޭނީ އެެހެން ދަރިވަރުންނަށް ނަމޫނާ ދަރިވަރަކަށް ކަމަށް އެސްޖީ ވިދާޅުވިއެވެ.
ބޮޑުވެގެން ސަރ މެން ތިބި މަޤާމުގައި ޔަޤީނުންވެސް ތިބޭނީ ތިކުދިން. މީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫން. މާދަމާ މިގޮނޑިތައް ފުރާލާނީ ތިކުދިން ކަމާމެދު ހަމަ އެއްވެސް ޝައްކެތް ނެތް. – މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ސްކޫލް ދައުރުގައި އެހެން ދަރިވަރުންނަށް ނަމޫނާއަކަށް ވެއްޖެ ނަމަ އެކުއްޖާގެ ރީތި ސިފަތައް އެހެން ދަރިވަރުންނަށްވެސް ދަސްވާނެ ކަމަށް ބުނެ މުހައްމަދު ޝަރީފް ވަނީ ކުދިންނަށް ނަސޭހަތް ދީފައެވެ. އަދި ކޮންމެ ކުއްޖަކީވެސް ކިޔަވާ މޮޅު ދަރިވަރަކަށް ވުމަށް ހިތްވަރުދިނެވެ.
މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި އެކަނި ކުރިޔަށްދާ މީހާ ވަކި ހިސާބަކުން ވަރުބަލިވެ ވެއްޓި އަނިޔާ ލިބޭނެފަދަ ހާލަތްތައް މެދުވެރިވާނެ ކަމަށާއި އެފަދަ ވަގުތެއްގައި ބޭނުންވާނީ އެކުގައި އުޅޭ އެކުވެރިން ކަމަށެވެ. އެހެންކަމުން ވަކި ދަރިވަރުން ކުރިއެރުން ހޯދުމަށްވުރެ ހުރިހާ ދަރިވަރުން އެކުގައި ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން މުހައްމަދު ޝަރީފް ފާހަނގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުން އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބް ވަނީ އަބޫބަކުރު ސްކޫލްގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަނގަކޮށް ޝުކުރު އަދާކޮށްފައެވެ.
އަޖީބް އިތުރަށް ވިދާޅުވީ ރޭ އަބޫބަކުރު ސްކޫލްގައި ބޭއްވުނު ރަސްމިއްޔާތަށް އިތުރު ފުރިހަމަކަމެއް ލިބިގެން ގޮސްފައިވަނީ، ދައުވަތް ޤަބޫލުކޮށް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ތިނަދޫ ކައުންސިލްގެ މެމްބަރުންގެ އިތުރުން ޑަބްލިޔުޑީސީގެ ސަބަބުން ކަމަށެވެ. އެހެންކަމުން އަޖީބްވަނީ ތިނަދޫ ކައުންސިލާއި ޑަބްލިޔުޑީސީއަށް ޝުކުރު އަދާކޮށްފައެވެ.
މަޤާމްތަކަށް ހޮވުނު ދަރިވަރުންނަށް ރޭގެ ރަސްމިއްޔާތުގައި ސޭޝްއާއި ޓެގް ހަވާލުކުރެވިގެންދިޔައެވެ.

