މިއަދު ހުކުރު ވަގުތުގައި މުސްލިމުން ހުކުރު ނަމާދަށް ޖަމާއަތް ހަދައިގެން ތިއްބާ ހަތިޔާރު އެޅި ބަޔަކު މިސްކިތަށް ވަދެ ބޮމުގެ ހަމަލާއެއް ދީފިކަމަށް އެޤައުމުގެ މީޑިޔާ ރިޕޯތްތަކުގައި ހާމަކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ސިޓީއެއް ކަމަށް ވާ ޕެޝާވަރުގެ މިސްކިތެއް ކަމަށްވާ ކުޗާ ރިސާލްދާރް މިސްކިތުގައި މިއަދު ހުކުރު ނަމާދަށް މުސްލިމުން ޖަމާއަތް ހަދައިގެން ތިއްބާ ދިން ބޮމުގެ ހަމަލާގައި 30 މީހަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ޕެޝާވަރު ފުލުހުންގެ އިސްވެރިޔާ މުޙައްމަދު އީޖާޒް ހާން އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ހަމަނުޖެހުން ފެށުނީ ހަތިޔާރު އަޅައިގެން ތިބި 2 މީހަކު، މިސްކިތު ބޭރުގައި ތިބި ފުލުހުންގެ ގަޔަށް ބަޑި ޖެހި ހިސާބުންނެވެ. ބަޑީގެ ހަމަލާ ބަދަލު ކުރުންތަކުގައި ފުލުހެއްގެ އިތުރުން، ހަތިޔާރު އެޅީ މީހުންގެ ތެރެއިން އެކެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އިތުރު ފުލުހަކުވެސް ޒަހަމްވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މީޑިޔާ ރިޕޯޓްތަކުގައި ހާމަކޮށްފައިވާ ގޮތުން ހަތިޔާރު އެޅި މީހުންގެ ތެރެއިން އެކަކު މަރުވުމުން ދެން ހުރި މީހާ މިސްކިތު ތެރެޔަށް ވަދެ ބޮން ގޮއްވާލީއެވެ.
60 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވާ އިރު، ޒަހަމް ވީ މީހުންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން ވަނީ މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެން ވާ ކަމަށް ބުނެފައެވެ

