އެތަރި އޮއްސުނީ އަމިއްލަ އެދުން ބޮޑުކަމުން ކަމަށް ބުނެ ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ބަހުގެ ހަމަލާއެއް ރައްދުކޮށްފިއެވެ.
ރައީސް ނަޝީދުއަށް ނިސްބަތްކުރައްވައި ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެތަރި ފަނޑުވެ އޮއްސެންޖެހުނީ އާއިލާތެރޭގައި ހުރިހާ ކަމެއް ބާއްވާ އަމިއްލަ އެދުން މާބޮޑަށް އިސްކުރައްވަން އުޅުއްވުމުން ކަމަށެވެ.
މިދުވަސްވަރަކި އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެމްޑީޕީތެރޭގައި މެމްބަރުން ބައިބައިވެ ޕާޓީތެރޭގައި މައްސލަތައް ބޮޑުވެފައިވާ ދުވަސްވަރެކެވެ.
ޒައިދު ވިދާޅުވާ ގޮތުގައި ވެރިކަމުގެ ބާރުތަކާއި، ޕާޓީގެ ބާރުތައްވެސް އަމިއްލަ ގޭގެ ތެރޭގައި ބޭއްވުމަށް ކުރެއްވި މަސައްކަތުން އެތަރި މިހާރު ވަނީ ފަނޑުވެފައެވެ.
މީގެކުރިން އެމްޑީޕީގެ ހުރިހާ ބާރެއް ރައީސް ނަޝީދުގެ އަތްމަތީގައި އޮތްނަމަވެސް މިހާރު އެބާރު ދެބަޔަށް ބެހި ވަދަވެރިކަމުގައި ރައީސް ނަޝީދުގެ ތާއީދު ކުޑަވެ ރައީސް ޞާލިހުގެ ތާއީދު ދަނީ އެމްޑީޕީ ތެރޭގައި ގަދަވަމުންނެވެ.
އެހެންކަމުން ބެލެވޭ ގޮތުގައި ޝެއިޚް ޒައިދުގެ ބަސްތައް އަމާޒުކޮށްފައިވަނީ ރައީސް ނަޝީދުގެ މިއަދުގެ ހާލަތަށެވެ.
ރިޔާސީ އިންތިޚާބް ކައިރިވެފައިވަނިކޮށް އެމްޑީޕީ ތެރޭގައި އޮތް ކޯޅުންގަނޑު އިތުރުވެ ޕާޓީތެރޭގައި މަސްލަހަތު ގެއްލިގެން ދިޔުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ބޮޅެއްކަމަށް މަސްރަހު ދިސާރާ ކުރައްވާ ފަރާތްތަކުން ދެކެއެވެ. އަދި އެޕާޓީގެ ޗެއަރޕާސަނަކަށް މިނިސްޓަރ ފައްޔާޒް ހޮވިއްޖެނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ހޯދައިގަންނަން ރައީސް ސޯލިހުއަށް ފަސޭހަވެގެންދާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

