އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފައިވާ ކަމަށް އިރުކޮޅެއް ކުރިން ހާމަކޮށްފިއެވެ.
އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ހިފެހެއްޓުމެއް ނެތި ތެލުގެ އަގު ބޮޑުވަމުން ދަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިޔާއާއި ޔޫކްރެއިންއާއި ދެމެދު ހިންގަން ފެށި ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތް ވަނީ އިތުރަށް ހަލުވިވެފައި ކަމަށާއި، އެހެން ކަމުން މާރިޗު 5 ވަނަ ދުވަހުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތައް ބަދަލުވެފައިވާ ކަމަށެވެ.
އެގޮތުން ޕެޓްރޯލް ލީޓަރެއް 14.60 (ސާދަ ރުފިޔާ ފަސްދޮޅަސް ލާރި) އަދި ޑީސަލް ލީޓަރެއް 14.80 (ސާދަ ރުފިޔާ އަށްޑިހަ ލާރި) އަށް ބޮޑުކޮށްފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށްވެސް ތެލުގެ އަގު ބޮޑު ކުރުމަށް އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

