އަމިއްލަ އުފަން ދަރިޔަކު، ޅައުމުރުގައި، ނިޔާވެ، ދަރިފުޅަށް އެންމެ ފަހުގެ އަލްވަދާއު ކިޔަން ޖެހުމަކީ އެއްވެސް މަޔަކަށް އަދި ބައްޕަޔަކަށްވެސް ފަސޭހަ ވާނޭ ކަމެއް ނޫނެވެ. މިފަދަ ވަގުތަކީ، ގިނަފަހަރަށް ހިތްކުދިކުދިވެގެން ދާވަރުގެ ފުން ހިތާމަ ލިއްބައިދޭ ވަގުތެކެވެ.
ސައިންސުގެ އަލީގައި، ތަފާތު ބަލިތަކަށް ފަރުވާހޯދި، ގިނަ ބަލިތަކަކަށް ޝިފާ ހޯދި، ތަފާތު ބަލިތަކުން މަރުވާ މީހުންގެ އިންސައްތަ ބޮޑުތަނުން ކުޑަކުރެވިފައި ނަމަވެސް، ބައެއްފަހަރު، ޤުދުރަތީ ޤާނޫގެ ދަށުން ހިގަމުންދާ ބައެއް ކަންކަމަކީ، އެކަން ކުރިމަތިވީގޮތް، ބަލިތަކަށް ފަރުވާ ދިނުމުގައި ޙަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނަށްވެސް، ޤަބޫލުކުރަން ދަތި، އެމީހުން ކިޔަވާފައިވާ ހުރިހާ ތިއަރީ އަކާއި ފަރުވާއަކާއި، މުޅިން ތަފާތު ކަންކަމަށް ވެފައި ވެއެވެ. މިފަދަ ކަންކަމަކީ، އާންމު ހުރިހާ އުޞޫލުތަކާއި ޚިލާފަށް ކުރިމަތިވާ "މިރެކަލް" ނުވަތަ، މުޢުޖިޒާތުގެ ގޮތުގައި ގިނަބަޔަކު ދެކެއެވެ.
ބައެއް ބަލިތަކަށް ދުންޔަވީ އެއްވެސް ފަރުވާއެއް މަސައްކަތް ނުކޮށް، ސައިންސާއި ޓެކްނޮލޮޖީގެ ހުރިހާ ބާރެއް ފެއިލްވާ ފަހުންވެސް، ބައެއް ބަލިމަޑުކަމުން، ހައިރާންވެ، އަންތަރީސްވާފަދަ ގޮތަކަށް އަމިއްލަޔަށް އެއްވެސް ކަމަކާނުލައި، އަމިއްލަޔަށް ޝިފާ ލިބިގެން ދެއެވެ.
އެމެރިކާގެ ސުވާނީ އަށް އުފަން އަމިއްލަ ފަރާތެއް ކަމުގައިވާ ލިސާ ހޯގްގެ ތުއްތު ތުއްތު ދަރިފުޅު، މަރަށް ހާޒިރުވެ، ޑޮކްޓަރުން އުންމީދު ކަނޑައި، ވެންޓިލޭޓަރުގެ އެހީގައި ނޭވާ ލައްވަމުން ދަނިކޮށް، ދަރިފުޅު މަރުވީކަމަށް ނިންމައި، މަރު ސާބިތުކޮށް، ވެންޓިލޭޓަރުން ނަގައެވެ. އަދި ކުދިކުދިވެފައިވާ ހިތަކާއެކު، މައިންބަފައިންނަށް، އެ ތުއްތު ދަރިފުޅަށް އެންމެ ފަހުގެ ވަދާޢީ ސަލާމް އަދި އިޙްތިރާމް އަދާކުރަން ޖެހުނެވެ. ނަމަވެސް ވެންޓިލޭޓަރުން ނައްޓައި، ދަރިފުޅު ބާއްވާފައި ވަނިކޮށް، ހީވެސް ނުކުރާފަދަ ގޮތަކަށް، ޑޮކްޓަރުންނާއި ނަރުހުން އަދި މައިންބަފައިންނަށްވެސް ޤަބޫލުކުރަން ދަތި ގޮތަކަށް، ތުއްތު ދަރިފުޅު އަލުން ނޭވާލާން ފަށައި، ދަރިފުޅު ވަނީ ރޯން ފެށިއެވެ.

ފޮޓޯ: ކާސަން ޖެކްސް އަޕްޑޭޓްސް ސޯޝަލް މީޑިޔާ
ހޯގް، އޭނާގެ ފިރިމީހާ އަދި ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުންނަށް މިކަން ވެގެންދިޔައީ، މުޢުޖިޒާތެއްފަދަ ކަމަކަށެވެ. މިތުއްތު ކުއްޖާ ވެންޓިލޭޓަރުގެ އެހީގައި ނޭވާލައްވަމުން ދަނިކޮށް، ހިތްހުއްޓިފައިވާކަމަށް ނިންމައި، ޑޮކްޓަރުން ވަނީ މަރު ސާބިތުކޮށްފައެވެ. ނަމަވެސް ކުއްލިޔަކަށް އަމިއްލަޔަށް ނޭވާލާން ފެއްޓުން ވެފައިވަނީ، ގިނަބަޔަކަށް ބޮޑު ޝޮކެއް ލިބިގެންދިޔަ ކަމަކަށެވެ. ހޯގް ދަރިފުޅުގެ މިއާދަޔާ ޚިލާފު ވާހަކަ ސޯޝަލް މީޑިޔާގައި ހިއްސާކުރަމުން ބުނެފައިވަނީ، ތުއްތު ދަރިފުޅަކީ، މިރެކަލް ބޭބީއެއް ކަމުގައެވެ. އަދި ނޭވާ ލާން ފެށުމާއިއެކު، ކުޑަކޮށް ކެއްސައި، ކުޅު ދިރުވުމަށްފަހު، ބަލިގޮތަކަށް ރޮއިފައިވާކަމަށް ދަރިފުޅުގެ މަންމަ ބުނެފައި ވެއެވެ.
މިފަދަ ގޮތަކަށް ދަރިފުޅަށް އަލުން ދިރުން ލިބިގެން ދިޔުމުން، ޑޮކްޓަރުންނާއި، ނަރުހުން ތިބީ ބަސް ހުއްޓިފައެވެ. ނަމަވެސް ދަރިފުޅަށް މިދުނިޔެއަށް ނޭވާލުމަށް އިތުރު ފުރުޞަތެއް ލިބގެން ދިޔުމުން، މައިންބަފައިންގެ ކުދި ކުދި ވެފައިވާ ހިތް ވަނީ އުފަލުން ފުރިފައެވެ. ނަމަވެސް ފަހުންވެސް ދަރިފުޅު މާގިނަ ވަގުތަކަށް ދުނިޔޭގައި އޮންނާނެ ކަމުގައި ހީނުކުރެވުނު ނަމަވެސް، ދެވަނަފަހަރަށް އިތުރު ވަގުތުކޮޅެއް މިދުނިޔެއަށް ނޭވާލުމަށް ލިބިފައި ވުމުން ވަރަށްބޮޑު ހިތްހަމަޖެހުމެއް މައިންބަފައިންނަސް ލިބިގެން ދިޔައެވެ.

ފޮޓޯ: ކާސަން ޖެކްސް އަޕްޑޭޓްސް ސޯޝަލް މީޑިޔާ
ނަމަވެސް ހީކުރިގޮތާއި މުޅިން ތަފާތުކޮށް، މިތުއްތު ފުރާނަ، މަރާއި ހަނގުރާމަކޮށް، ބޮޑެތި ކުރިއެރުން ލިބި، ދުވަހެއް ދުވަހަކަށް ކުރިއެރުން ހޯދައިފައިވާކަމަށް ހޯގް އޭނާގެ ސޯޝަލް މީޑިޔާ ސްޓޭޓަސްގައި ބުނެފައި ވެއެވެ. އަދި ދަރިފުޅު، ކާސަންގެ ސިއްޙީ ހާލަތަށް ބޮޑެތި ކުރިއެރުންތައް ލިބި، އެންމެ ފަހުން އޮކްސިޖަނުން ނަގައި، ގެއަށް ދޫކުރެވުނެވެ. މިއީ އެދެމަފިރިންނަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.

ފޮޓޯ: ކާސަން ޖެކްސް އަޕްޑޭޓްސް ސޯޝަލް މީޑިޔާ
ކާސަންގެ މަންމަ ހޯގް ބުނެފައިވާގޮތުގައި، ކާސަން މިދުނިޔެއަށް ނޭވާލާ ކޮންމެ ދުވަހަކީ، އޭނާ ހެއްދެވި ފަރާތަށް، ޝުކުރުވެރިވާ ދުވަހެއް ކަމަށާއި، މުއުޖިޒާތެއް ފަދަ ގޮތަކަށް ދަރިފުޅު އަލުން އަބުރާ އޭނާގެ ދިރިއުޅުމަށް ގެނެސްދެއްވިކަމީ، ދުނިޔެއަށް ނޭވާލާހިނދަކު، ހަނދާން ނެތިވެގެން ނުދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެއެވެ. އަދި ސޯޝަލް މީޑިޔާގެ ޕޯސްޓްތަކަށް ހެޔޮބަސް ބުނެ، ހިތްވަރުދީ، ދަރިފުޅަށް ހެޔޮދުޢާ ކޮށްދެއްވި ފަރާތްތަކަށްވެސް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާކަން، ހޯގް އޭނާގެ ސޯޝަލްމީޑިޔާގައި ބުނެފައި ވެއެވެ.

