ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ޕެޝާވަރުގައި ހުންނަ މިސްކިތެއްގައި ހުކުރު ނަމާދު ކުރަން ބަޔަކު ތިއްބާ ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 56 އަށް އަރައިފިއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިބޮން ގޮއްވާލާފައިވަނީ ޕާކިސްތާނުގެ ކުޗާ ރިސަލްދާރު މިސްކިތަށް ހުކުރުނަމާދު ކުރަމުން ދިޔަ ވަގުތުގައެވެ. އެސިޓީގެ ފުލުހުން ބުނެފައިވާ ގޮތުގައި ބޮން ގޮއްވާލުމާއި ގުޅިގެން ޒަހަމްވި މީހުންގެ ތެރެއިން ގިނަ ބައެއްގެ ހާލު ސީރިއަސް ކަމަށެވެ.
ޕެޝާވަރު ފުލުހުންގެ ވެރިޔާ މުހަންމަދު އީޖާޒް ޚާން ވިދާޅުވީ، މި ހަމަނުޖެހުންތައް ފެށުނީ، ހަތިޔާރު އެޅި ދެ މީހަކު މިސްކިތުގެ ބޭރުގައި ތިބި ފުލުހުންނަށް ބަޑީގެ ހަމަލާތައް ދޭން ފެށި ފަހުން ކަމަށެވެ.
ބަޑީގެ ހަމަލާތައް ދިން އެކަކު މަރާލާފައިވާއިރު، މި ހާދިސާގައި ފުލުހަކުވެސް ވަނީ ޝަހީދުވެފައެވެ. އަދި އިތުރު ފުލުހަކު ވަނީ ޒަހަމްވެފައެވެ. އެއަށްފަހު ހަމަލާދިން މީހުންގެ ތެރޭގައި ހިމެނޭ ދެވަނަ މީހާ ވަނީ މިސްކިތަށް ވަދެ ބޮމެއް ގޮއްވާލާފައެވެ.

