ގދ.ނަޑެއްލާގެ ގެއަކަށް ނިމިދިޔަ ފެބްރުއަރީ މަހުގެ ބިލް އައި އިރު ދެލައްކަ އަށްވުރެ ގިނަ ރުފިޔާ އަރައިފިއެވެ.
ފެނަކައިން ކަރަންޓުގެ ޚިދުމަތް ހޯދަމުން ގެންދާ ނަޑެއްލާ، ފެހިވިލާގޭގެ ނިމިދިޔަ ފެބުރުއަރީ މަހުގެ ކަރަންޓުބިލު ލިބުނު އިރު އޭގައި ކަރަންޓު 31 ދުވަހަށް ބޭނުން ކުރެވިފައިވާ ޔޫސޭޖްގެ ގޮތުގައި 59117.00 ޔުނިޓް އަރާފައިވެއެވެ.
އެއާއެކު އެގޭގެ ކަރަންޓު ބިލަށް އަރާފައިވާ ފައިސާގެ އަދަދަކީ 243،016 (ދެލައްކަ ސާޅީސް ތިންހާސް ސޯޅަ) ރުފިޔާއެވެ.
ފެހިވިލާގޭގެ ވެރިފަރާތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެމުން ބުނީ، މީގެ ކުރިން އެގޭގެ ކަރަންޓުބިލަށް އެއްހާސް ރުފިޔާއަށްވުރެ ގިނައިން އަރާފައި ނުވާކަމަށާއި، ނަމަވެސް މިމަހުގެ ބިލު ލިބުނު އިރު ދެލައްކައަށްވުރެ ގިނަ ރުފިޔާ އިނުމުން ހައިރާންވި ކަމަށެވެ.
ގޭގެ ވެރިފަރާތުން އިތުރަށް ބުނީ، ނަޑެއްލާގައި ހުންނަ ފެނަކަ ބްރާންޗަށް ދިޔުމުން، އެއީ އިދާރީ އޮޅުމެއް ކަމަށް ބުނެ، އަލުން އެގޭގެ ކަރަންޓް ބިލް ތައްޔާރުކުރީ ކަމަށެވެ.
އެހާ ބޮޑު އަދަދެއް އިންކަން އެގުމުން ފެނަކަ ނަޑެއްލާ އޮފީހަށް ގޮސް ދެއްކިން. އެމީހުން ބުނީ ބިލު ހެދިފައިވަނީ ނުބައިކޮށް ކަމަށް. ފަހުން ރަގަޅުކޮށްފި. މިހާރު ބިލުގަ އިނީ 800 އެއްހާ ރުފިޔާ. ފެހިވިލާގޭ ވެރިފަރާތުން ބުންޏެވެ.
ކަރަންޓު ބިލަށް މިގޮތަށް ދިމާވަނީ، ބިލް ހަދަމުންދާއިރު ޔޫސޭޖް ނުބައިކޮށް ޖެހިގެން ދިމާވާ ކަމެއް ކަމަށް ފެނަކައިން ބުނެއެވެ. މީގެ ކުރިންވެސް ނުބައިކޮށް ބިލު ހެދިގެން ބިލުގެ އަދަދު ބޮޑުވުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ. އަދި ބައެއް ފަހަރު، މިގޮތަށް އަރާ އޮޅުމުގެ ސަބަބުން އަދަދު އިތުރުވާ ކަން ނޭނގި ބައެއް ފަރާތްތަކުން ކަރަންޓު ބިލް ދައްކާފައިވެސް އެބަހުއްޓެވެ.

