އޭސީ މިލާން، އިންޓަ މިލާން، ރެއާލް މެޑްރިޑް ފަދަ ޓީމް ތަކުން މޮޅު ކުޅުމެއް ދައްކާފައިވާ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްލެރެންސް ސީޑޯފް އިސްލާމް ވެއްޖެއެވެ.
ސީޑޯފް ކޮށްފައިވާ އިންސްޓާގްރާމް ޕޯސްޓެއްގައި އޭނާ އިސްލާމްދީން ޤަބޫލުކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ. ސީޑޯފް ބުނާގޮތުގައި މުސްލިމް އާއިލާއާ ގުޅުމުން ލިބެމުން އަންނަ އުފާވެރިކަމުގެ މެސެޖުތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ވަކިން ހާއްސަކޮށް އިސްލާމްދީނާއި ބެހޭ ގޮތުން އޭނައަށް އިތުރު ތަފްސީލްދީ އިސްލާމްވުމަށް ހިތްވަރު ދިން އޭނަގެ އަނބިމީހާއަށް ސީޑޯފްވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

އިސްލާމްދީން ޤަބޫލުކުރިނަމަވެސް އޭނަގެ ނަން ބަދަލު ކުރާކަށް ސީޑޯފް ޤަބޫލެއް ނޫނެވެ.
ފުޓްބޯޅައިގެ ދުނިޔޭގައި ސީޑޯފް ވިދާލީ އޭސީ މިލާނަށް ކުޅުނުއިރުގައެވެ. މޮޅުކުޅުމެއް ދެއްކުމަށްފަހު އޭނާ ވަނީ އެޓީމުގެ ލެޖެންޑަކަށް ވެފައެވެ.
ސީޑޯފް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު ތަފާތު ތިން ކްލަބަކަށް ކުޅެގެން ޗެމްޕިއަންސް ލީގު ތަށި ކާމިޔާބުކޮށްފައިވެއެވެ. އެތިން ކްލަބަކީ:
- 1995 ވަނަ އަހަރު އަޔެކްސް
- 1998 ވަނަ އަހަރު ރެއާލްމެޑްރިޑް
- 2003 އަދި 2004 ވަނަ އަހަރު އޭސީ މިލާން އެވެ.
ނެދަލެންޑްސް ގައުމީ ޓީމަށް ސީޑޯފް ވަނީ 1994 އާއި 2008 އާ ދެމެދު 87 މެޗު ކުޅެ 11 ލަނޑު ޖަހައިފަ އެވެ. ގައުމީ ޖޯޒީގައި އޭނާގެ އެންމެ ފުރަތަމަ ފެނިލުމުގައި ވެސް ސީޑޯފް ވަނީ ގޯލު ޖަހައިފައެވެ. ކުލަބް ލެވެލްގައި 889 މެޗު ކުޅުމަށް ފަހު ސީޑޯފް ރިޓަޔާ ކުރީ 2013 ވަނަ އަހަރު ބްރެޒިލްގެ ބޮޓަފޮގޯ އަށް ރިއޯ ޑި ޖެނީރޯ ސްޓޭޓް ލީގު ކާމިޔާބު ކޮށްދީފައެވެ. އޭނާ ކުޅުން ހުއްޓާލީ އޭސީ މިލާނުގެ މެނޭޖަރުކަން ލިބުމުންނެވެ.

