ގދ.ހޯނޑެއްދޫގައި ދަނޑުވެރިކަން އިތުރަށް ތަރައްޤީކުރުމަށް ޒަމާނީ ދަނޑެއް ޤާއިމުކޮށް ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަމަށް ހޯޑެއްދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހޯނޑެއްދޫގައި ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި ކައުންސިލުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ހުށަހެޅި ޕްރޮޕޯސަލެއްގެ ދަށުން ހޯޑެއްދޫގައި 15 ހާސް އަކަފޫޓުގެ ބޮޑު ދަނޑެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކުރެވިގެންދާނެ ކަމަށާއި މިޕްރޮޖެކްޓުގެ ދަށުން ދަނޑުވެރިން ތަމްރީނު ކުރެމުގެ ޕްރޮގްރާމްވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.

ޒަމާނީ ދަނޑުވެރިކަން ޤާއިމުކުރުމަށް މިނިސްޓްރީއާއެކު ހޯނޑެއްދޫ ކައުންސިލުން ބޭއްވި މަޝްވަރާ ބައްދަލުވުން- ފޮޓޯ: ހޯނޑެއްދޫ ކައުންސިލް
އެގޮތުން މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްގެ ދަށުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދެވޭނެއެވެ. މައުލޫމާތު ސެޝަންތަކުގެ އިތުރުން ފިސިކަލް ސެޝަންތަކެއްވެސް ކުރިޔަށް ގެންދަން ހަމަޖެހިފައިވާކަމަށް ކައުންސިލްގެ ރައީސް މައުލޫމާތު ދެއްވިއެވެ.

ދަނޑުވެރިން ތަމްރީނުކުރުމަށް ބާއްވާ ޕްރޮގްރާމް ފެށުމަށްޓަކައި ރޭ ބޭއްވުނު އޮރިއަންޓޭޝަން – ފޮޓޯ: ހޯނޑެއްދޫ ކައުންސިލް
އެހެންކަމުން މިތަމްރީން ޕްރޮގްރާމް ނިމޭއިރު އެދަނޑުގައި، ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ހުންނާނީ ފެށިފައި ކަމަށާއި މިދަނޑު އައުޓްސޯސްކޮށް ބަޔަކާ ހަވާލުކޮށްގެން ދަނޑުވެރިކަން ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ވާރިޝް އިތުރަށް ވިދާޅުވީ ކައުންސިލުން އިސްނަގައިގެން ހޯޑެއްދޫގައި ތަރައްޤީ ކުރެވިގެންދާ ދަނޑުގައި ސޯލާސިސްޓަމް ބޭނުންކޮށްގެން ކަރަންޓު ނެގޭނެ ވަސީލަތުގެ އިތުރުން ގަސްތަކަށް ފެންދީ ބޭސްޖެހޭނެ ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވިފައި ހުންނާނެ ކަމަށެވެ. އަދި މިދަނޑަށް ބޭނުންވާ ތަކެތި ހޯދުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން އެހީތެރިވެދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހޯނޑެއްދޫގައި މިހާރުވެސް 5ހާސް އަކަފޫޓްގެ 140 ބިން ދަނޑުވެރިކަމަށް ދޫކޮށްފައިވާކަން ވާރިޝްވަނީ ހާމަކޮށްފައެވެ. ހޯނޑެއްދޫއަކީ މީގެ ކުރިން ފަތްކޭލުގެ ދަނޑުވެރިކަމަށް މަޝްހޫރު ރަށެއް ނަމަވެސް މިހާރު ހޯޑެއްދޫގައި ދަނީ ގިނަ ބާވަތުގެ ދަނޑު ގޮވާމާއި މޭވާ ހައްދަމުންނެވެ.

ދަނޑު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ބިން ސާފްކުރުން – ފޮޓޯ: ހޯނޑެއްދޫ ކައުންސިލް
ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކުރެވުނު މިދަނޑުގެ ބިން ސާފްކޮށް ދަނޑުގެ އެހެނިހެން މަސައްކަތްތައް ކައުންސިލުން ކުރަމުން ގެންދިޔައިރު ޑަބްލިޔުޑީސީގެ ފުރިހަމަ އެއްބާރުލުން މިމަސައްކަތަށް ލިބިފައިވާކަން ކައުންސިލްގެ ރައީސް ފާހަނގަކޮށްލިއެވެ.

