ކޮވިޑް-19 އާއި ގުޅިގެން ހަރަމްފުޅުގައި އެޅި ފިޔަވަޅުތައް އުވާލައި އާންމުކޮށް ހުޅުވާލައިފިއެވެ.
ސައުދި އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން ބުނީ ގައިދުރުކަމާއެކު ނަމާދުކޮށް ތަވާފް ކުރުމަށް ގެންގުޅުނު އުސޫލު މިހާރު އުވާލައިފައިވާ ކަމަށެވެ. އެގޮތުން ހަރަމްފުޅުގައި ނަމާދުކޮށް މަގުބަރާތަކަށް ޒިޔާރަތް ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ސައުދީން ބުނީ، ކޮވިޑް-19 އާއި ގުޅިގެން އެގައުމަށް އެތެރެވުން މަނާކޮށްފައި އޮތް ބައެއް ގައުމުތައް ކަމަށް ވާ، އަފްގާނިސްތާން، ސައުތު އެފްރިކާ، ނޭމީބިއާ، ބޮޓްސްވާނާ، ޒިމްބާބްވޭ، ލެސޯތޯ، އެސްވާތިނީ، މޮޒަމްބީކް، މަލާވީ، މޮރިޝަޝް، ޒެމްބިއާ، މަޑަގަސްކަރާ، އެންގޯލާ، ޝީޝެލްސް، ކޮމޯރޯސް، ނައިޖީރިއާ އަދި އިތިއޯޕިއާއަށް ސައުދީގެ ބޯޑަރު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ކޮވިޑާއި ގުޅިގެން ސައުދީން ވަނީ ހަރަމްފުޅުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ދެޙަރަމްގައި ގައިދުރުކަމާއެކު ނަމާދުކުރާ ގޮތަށް އުސޫލު ބަދަލުކުރިއެވެ. އަދި ހަރަމްފުޅަށް ޖަމާވާ މީހުންނަށް ފަސޭހައަކަށް، ގައިދުރުކަމާއެކު ނަމާދުކޮށް ތަވާފު ކުރެވޭނެ އިންތިޒާމް ހަމަޖެއްސިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސައުދީން ހާއްސަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލައި ނަމާދު ކުރާ ވަގުތު 15 މިނިޓަށްވުރެ ދިގު ނުކުރަންވެސް އެންގިއެވެ.

