ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން ވިދާޅުވީ، ނ ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި، މިހާރު ކުރިއަށްދަނީ ހިއްކިފައިވާ ސަރަހައްދުގެ ބިން އެއްވަރު ކުރުމާއި ކޮންނަންޖެހޭ ސަރަހައްދު ކޮނުމުގެ މަސައްކަތް ކަމަށެވެ.
މިމަޝްރޫއުގެ ދަށުން، 48.3 ހެކްޓަރުގެ ބިން ހިއްކައި 255 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 280 ދުވަހުގެ ތެރޭގައި ނިންމުމަށް 25.18 މިލިއަން ރުފިޔާއަށެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 2021 އޭޕްރީލް 6 ވަނަ ދުވަހުއެވެ.

