ގދ ގައްދޫ މަގުތަކުގައި ތާރަ އެޅުމަށް ބޭނުންވާ މެޝިނަރީތަކާއި ވެހިކަލްތައް ރޭ އެރަށަށް ގެންގޮސްފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއިން ވިދާޅުވެއްޖެއެވެ.
އާރްޑީސީއިން ވިދާޅުވީ، ގައްދޫ މާގުތަކުގައި ތާރަ އެޅުމަށް ބޭނުންވާ މެޝިނަރީތަކާއި ވެހިކަލްތައް ރޭ އެރަށަށް ގެންގޮސްފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ މަސައްކަތް ކުރާ ސައިޓް ސާފުކުރުމާއި ތާރުއެޅުމުގެ މަސައްކަތް ކުރާ މީހުން މޮބިލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގައި 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 751 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މިމަޝްރޫއުގެ ދަށުން ތަރައްގީ ކުރާ މަގުތަކުގައި މަގުބައްތި ހަރުކުރުމާއި، މަގުބައްތިއަށް ބޭނުންވާ ކަރަންޓް ކޭބަލް އެޅުންވެސް ހިމެނެއެވެ. މިމަޝްރޫޢުގެ އަގަކީ 138،738،153.42 މިލިއަން ރުފިޔާ އެވެ.

