ކޮންމެ އެއްޗަކީވެސް ނުވަތަ ކޮންމެ ކަމަކީވެސް އެ އެއްޗެއް ނުވަތަ އެކަމެއް ގެއްލިގޮސް އަތުން ބީވުމާއެކު، އެކަމުގެ ހިތިނަތީޖާ ނުވަތަ ދެރަކަން އިޙްސާސް ކުރަން ޖެހިދާ ކަންކަމެވެ. އެ އެއްޗެއްގެ ބޭނުން އެނގޭނީ އެ އެއްޗެއް ނެތި ދިއުމުންނޭ ބުނާ ބީދައިންނެވެ.
ޝައްކެއްނެތް ގޮތުގައި އިންސާނުން ވާހަކަދައްކާއުޅޭ ކޮންމެ ބަހެއް ނުވަތަ ބަހުރުވަޔަކީ އެބައެއްގެ އަމިއްލަވަންތަކަމާއި، ފުދުންތެރިކަން ހާމަކޮށްދޭ، ވަރަށް މުހިއްމު އަސާސެކެވެ. ރަށުވަންތަ ކަމުގެ އެއް ބަހާއެވެ. އެގޮތުންބަލާއިރު ދިވެހިރާއްޖޭގެ އެކިހިސާބުތަކުގައި ބަސް ބޭނުންކުރަމުން އަންނަގޮތުގައި ތަފާތުތަކެއް ހުރެއެވެ. ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކުގައި މިތަފާތު ވަރަށްބޮޑެވެ. ދެކުނުގެ އަތޮޅުތަކުގެ މީހުން ވާހަކަދައްކާއުޅޭ ބަހުރުވަޔަކީ ރާއްޖޭގެ އެހެންރަށްރަށުގެ މީހުންނަށް ވާހަކަދައްކަން އުނދަގޫ، އަދި ކަމާކަންފަށާ ދަސްކޮށްގެންނޫނީ ކިޔާއެއްޗެއް ނޭނގޭ ބަސްބަހެވެ. މީ ހަމަގައިމުވެސް ދެކުނުގެ އަތޮޅުތަކަށް ލިބިފައިވާ ވަރަށް ޚާއްޞަ ސިފައެކެވެ. އަދި ޝަރަފެކެވެ.
ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އަތޮޅު ތަކުގެ ތެރޭގައި ގުނާލެވޭ ހުވަދުއަތޮޅުގައި މީހުންދިރިއުޅޭ 18 ރަށުގެ ބަހުރުވައަކީވެސް އެއްގޮތް ސިފަތަކެއް ހުރިނަމަވެސް ތަފާތު ބަސްތަކެއް ބޭނުންކުރާ، އަދި ރާގުގައިވެސް ތަފާތުތަކެއް ހުރި މުއްސަނދި ބަހެކެވެ. އަޅުގަނޑުގެ މިލިޔުމަކީ ތިނަދޫ ބަހުރުވަޔަށް ނަޒަރުހިންގާލުންކަމަށްވާތީ އެކަމަށް އަމާޒު ހިފަމެވެ.
ބަހަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް މުހިއްމު ތަރިކައަކަށް ވާއިރު، މިކަމާމެދު ނުވަތަ މި ޝަރަފާމެދު ވިސްނަނީ ކިތައްމީހުންބާއޭ މީ އުފެދޭ ސުއާލެކެވެ. ކުރިމަގުގައި ތިނަދޫ ބަހުރުވަ ރައްކާތެރިކަމާއެކު އަޅުގަނޑުމެންގެ ދަރިންގެ ދަރިންނާހަމަޔަށް ފޯރުކޮށްދެވިދާނެބާއޭ މިވެސް ހިތުގައި އުފެދޭ ވަރަށްބޮޑު ސުއާލެކެވެ. ސަބަބުތައް ވަރަށް ގިނައެވެ.
މިހާރަކަށް އައިސް ތިނަދޫގައި އުފަންވެ، އުޅެބޮޑުވާ ދަރިންނަށް ތިނަދޫ ބަހުރުވައިން ވާހަކަދައްކަން ނޭގުމުގެ ހިތާމަވެރި މަންޒަރު އަޅުގަނޑު ބަލަނީ ވަރަށް ހިތާމަޔާ ހިތްދަތިކަމާއެކު، އެހާމެ ދެރަވެސް އިޙްސާސް ކުރަމުންނެވެ. މިހެން ދެންނެވިނަމަވެސް ރަށުބަހަށް އިޙްތިރާމްކުރާ، އެބަހަށް ޤަދަރުކުރުމާއެކު ކުޑަދަރިން ލައްވައި ރަށުބަހުން ވާހަކަދައްކާ ޒުވާނުން ތިނަދޫން ފެންނަކަންވެސް ނުހަނު އުފާލާއެކު ފާހަގަކޮށްލަން ޖެހެއެވެ. 1970 ގެފަހުކޮޅުގެ އަހަރުތަކުގައި އުފަންވި މީޙުންނަށް ދަރިން ލިބުނު ހިސާބުން މިމައްސަލަ ތިނަދޫގައި އާދަޔާޚިލާފަށް ބޮޑުވެފައިވެއެވެ.
ކުޑަކުދިންލައްވާ ރަށުބަހުން ވާހަކަދެއްކުމަކީ ލަދުކަމެއްގެ ގޮތުގައި ނުވަތަ ” ކަޓު ” ކަމެއްގެގޮތުގައި ބައެއްް މީހުން ދެކެމުން ދެއެވެ. ސްކޫލުގެ މާޙައުލުގައި ކުދިންގެ ކިބައިގައި ދިވެހި ރަސްމީ ބަހުގެ ފެންވަރު ދަށްވެދާނެކަމަށް އަނެއް ބަޔަކު ދެކެމުންދެއެވެ. މަންމަޔާއި، ބައްޕައަކީވެސް ތިނަދޫއަށް އުފަންވެ، ތިނަދޫގައި ދިރިއުޅެމުންދާ ” މައްތިނަދޫ ” މީހުންވެސް (މަދުބަޔަކު ފިޔަވައި) މިހާރަކަށްއައިސް ކުޑަދަރިފުޅާ މުޢާމަލާތު ކުރަނީ ހުރިހާތަނެއްގައިވެސް މާލޭބަހުން (ދިވެހި ރަސްމީ ބަހުން)، ނުވަތަ އިނގިރޭސިބަހުންކަން ފާހަގަ ކޮށްލަމެވެ. ނަމަވެސް މި ދެ ކަމާވެސް އަޅުގަނޑުގެ ޚިޔާލު ވަރަށް ތަފާތެވެ. އެކުއްޖެއްގެ އަމިއްލަ މާދަރީބަހަށް މޮޅު ކުއްޖެއްނަމަ، އެހެން ހުރިހާ ބަހަކަށް މޮޅުވުމާއި، ވިސްނުންތޫނުވާނެކަމަށް ބަހުގެ މާހިރުންގެ ހުރިހާ ދިރާސާތަކުން ދައްކައެވެ. އަދި މިއީ ބަހުގެ ޢިލްމުވެރިން ވަރަށްބޮޑަށް ބާރުއަޅުއްވާ ކަމެއްވެސް މެއެވެ. މިކަމުގެ ޙަގީގަތް އަޅުގަނޑުމެން ތަޖްރިބާވެސް ކޮށްފީމެވެ.
ތިނަދޫގެ ފަސްގަނޑުގައި ދިރިއުޅޭ ބަހުގެ އަދީބުންނަކީ އުފަންވީއްސުރެ މިއަދާހަމަޔަށްވެސް ތިނަދޫ ބަހުން ވާހަކަ ދައްކާ، ތިނަދޫބަހަށް ނުހަނު ދޫފަރިތަ ބައެކެވެ. ހަމައެހެންމެ ތިނަދޫގެ ޒުވާން ޖީލަކީވެސް ތިނަދޫ ބަހުން ވާހަކަދައްކަން ދަސްކޮށްދީގެން ބޮޑުވެފައިވާ ޖީލަކަށްވާއިރު، މިޖީލުގެ ޒުވާނުންނަކީވެސް ވަރަށް ފަރިތަކަމާއެކު އެކިބަސްބަހުން ވާހަކަދައްކަން ކުޅަދާނަ، ދޫފަސޭހަ، އެހާމެ ތޫނުފިލި މޮޅު ދަރިންތަކެކެވެ. މާލޭބަހުން ނުވަތަ އިނގިރޭސިބަހުން ވާހަކަދައްކަން ފަށާފައިވަނީ މަދުރަސީ ޙަޔާތުންނެވެ. މިގޮތަށް މިކަން އޮތުމާއެކު އެނގިގެންދަނީ މިހާރު އަޅުގަނޑުމެންގެ ތުއްތުދަރިންނާމެދު ޢަމަލުކުރެވޭގޮތަކީ އެންމެރަނގަޅު ގޮތެއްކަމަށް ނުވެދާނެކަމެވެ. އެހެނީ ބަހާމެދު މިފަދަބޮޑު އިހުމާލެއް ވެއްޖެނަމަ މާދަމާ މިބަސް ނެތިދިއުމަކީ ދުރުގައިވާ ކަމެއްނޫނެވެ. އެއްވެސް ބަހަކީ އެބަހަކާމެދު ވަރަށްބޮޑަށް ސަމާލު ނުވެވިއްޖެނަމަ، އެކިއެކި ނުފޫޒުތައް ވަދެ ވަކިހިއްޕާލާ އެއްޗެކެވެ.
އަޅުގަނޑުމެންގެ ރަށުގެ ބަހަކީ ވަރަށް މުއްސަނދި ބަސްކޮށާރެއް އެކުލެވިފައިވާ ބަހަކަށްވާއިރު މިބަސްތަކުގެ އެއްވެސް މިންވަރެއް އަޅުގަނޑުމެންގެ ކުޑަޅަދަރީންނަށް ނޭގުމަކީ މާދަމާ އެކަމާމެދު ފުންކޮށް ވިސްނާލަންޖެހޭނެ ކަމަކަށް ވެދާނެއެވެ. އަދި ތިނަދޫ އަމިއްލަވަންތަކަން ދައްކުވައިދޭ މިރީތި ތިނަދޫ ބަހުރުވަ އެއްކޮށް އުވިގެން ދިއުމުގެ ފުރުޞަތު ބޮޑު ވެދާނެއެވެ. އެހެނީ މިބަހުރުވަޔަކީ، އަޅުގަނޑުމެން އެކަކު އަނެކަކާ މުޢާމަލާތު ކުރަން ގެންގުޅޭ ބަހުރުވައެވެ. އަޅުގަނޑުމެންގެ ދޭދޭގުޅުންތައް ބަދަހިކޮށް، ގާތްކޮށްދޭ ބަހެވެ. އެންމެ ދުވަސްވީ މީހާއިންފެށިގެން އެންމެ ތުއްތު ކުއްޖާއާދެމެދުވެސް ފަސޭހައިން ވާހަކަދައްކާލެވޭ އަޅުގަނޑުމެންގެ އަމިއްލަ ބަހެވެ. ފޮތްފޮތާއި، އެނޫންވެސް ލިޔުންތައް ލިޔެފައި ހުންނަނީ ރާއްޖޭގެ ރަސްމީބަސް މާލޭބަހުންކަމަށްވުމަކީވެސް މިދެންނެވި ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއްކަމުގައި ދަންނަވަން ޖެހެއެވެ. ހަމަމިއާއެކު އަމިއްލަ ބަހުރުވައިން ވާހަކަދައްކާ އާބާދީ މާބޮޑަށް މަދުވެއްޖެނަމަ އަމިއްލަ ބަހުރުވައިން މުޢާމަލާތް ކުރާ ކުދިން، އެނޫންކުދިންގެ ” ހަނގާ” ގެ ޝިކާރައަކަށް ވެދާނެކަމުގެ ބިރުވެސް އުފެދެއެވެ. އެހެންކަމުން ތިނަދޫގެ ރީތި ބަހުރުވަ ހުވަދޫ ކަނޑުން ބޭރުވުމުގެ ކުރިން ތިނަދޫގެ ކޮންމެ ފަރުދަކު ވިސްނާލުން މުހިއްމު ކަމުގައި ދެކެމެވެ. ނޫނީ ތިނަދޫ ބަހުރުވަ– އަންނަންއޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވިދާނެ ބާއެވެ؟ މިސުއާލުގެ ޖަވާބު ކިޔުންތެރިންނަށް ދޫކޮށްލަމެވެ.

