ގދ ތިނަދޫ ރީޖަނަލް ޕޯރޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީ އިން ވިދާޅުވީ، ތިނަދޫ ޕޯޓްގެ ގާޑް ހައުސް އިމާރާތުގެ ފައުންޑޭޝަން ފޫޓިންގ ގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.
މިމަޝްރޫއުގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޝަން އިމާރާތާއި، ގާރޑްހައުސް، ވެއަރހައުސް، އަދި ވަރަކްޝޮޕް އިމާރާތްއެޅުމާއި، ނަރުދަމާ ނެޓްވޯކެއް ގާއިމުކުރުމުގެ އިތުރުން ފެންޑަރާއި، ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ތިނަދޫ ޕޯރޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން އެމްޓީސީސީއާއި ހަވާލުކުރީ 27 ޖެނުއަރީ 2022 ގައެވެ. މިމަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 330 ދުވަސްތެރޭ ނިންމުމަށޤ 86.17 މިލިއަން ރުފިޔާއަށެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

