ރަޝިޔާއިން ޔޫކްރެއިންގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާތަކެއްގައި އަނިޔާވި އުމުރުން ހަތް އަހަރުގެ އަލީސާ ހްލަންސް ސަލާމަތް ކުރުމަށް އަމިއްލަ ހަށިގަނޑު އައްޑަނައަކަށް ހެދި އެކުއްޖާގެ ކާފަ އަށް ގިނަ ބައެއްގެ ތައުރީފު އޮހެން ފަށައިފިއެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލީސާގެ ކާފަ ވަނީ އޭނާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވެފައެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލީސާގެ ކާފަ މަރުވެފައިވަނީ އަލީސާގެ ކުރިމަތީގައި ކަމަށާއި، އަލީސާއަށް އަނިޔާވެފައިވަނީ ކާފަ މަރުވިފަހުން ކަމަށެވެ. އެގޮތުން ލިބުނު އަނިޔާތަކަށް ފަރުވާހޯދަމުން ދަނިކޮށް އަލީސާ މަރުވެފައިވަނީ އޭގެ އެއްދުވަސް ފަހުންނެވެ.
އުމުރުން ހަތް އަހަރުގެ އަލީސާ އަކީ، ރަޝިޔާއިން ސްކޫލަކަށް ދިން ކްލަސްޓަރ ބޮމުގެ ހަމަލާގައި މަރުވި ހަ މީހުންގެ ތެރެއިން އެކަކެވެ. ޔޫކްރެއިންގެ ކަމާއިބެހޭ ފަރާތްތަކުން، އެފަދަ ގޮތަކަށް ހަމަލާދެވޭނީ ކްލަސްޓަރ ބޮމެއް ގޮއްވައިގެން ކަމަށް ބުނެ ރަޝިޔާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު ރަޝިޔާއިން ވަނީ އެކަން ދޮގުކޮށްފައެވެ.
ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައިގައި މިހާތަނަށް ޔޫކްރެއިންގެ 38 ކުޑަކުދިން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކުގައި އެގައުމުގެ އާންމުންގެ ގިނަ ބަޔަކު މަރުވެފައިވާއިރު، ގިނަ އަދަދެއްގެ ސިފައިންވެސް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

