އަންހެނުންނަށް “ކަނބަލުން”ގެ ނަމުން މުޚާތަބު ކުރުމަކީ ހުތުރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި އަންހެނުންނަށް “ކަނބަލުން”ގެ ނަމުން މުޚާތަބު ކުރުމަކީ ހުތުރު ކަމެކެވެ. އަދި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރުމުގައި ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މަލާއި ކޭކާއި ޗޮކުލެޓު ފަދަ ހަދިޔާ ނުދިނުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސް ކޮށްފައިވާ ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ މި ދުވަހު މަސައްކަތް ކުރަންވީ އަންހެނުންނާ ގުޅޭ ކަންކަމަށް ބަދަލުގެނައުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ އަންހެނުންނާ މުޚާތަބު ކުރުމުގައި “ކަނބަލުން” ކިޔައިގެން ވާހަކަ ދެއްކުމުގެ ބަދަލުގައި އާންމުކޮށް ކިޔައި އުޅޭ ބަސްތައް ބޭނުން ކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް “ކަނބަލުން” ކިޔުމަކީ ހުތުރު ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ރައީސް ނަޝީދުވަނީ އަންހެނުންގެ ހައްގުގައި މަޖިލީހުން ކޮށްފައިވާ ބައެއް ކަންތައްތައް ފާހަގަކޮށްފައެވެ. އެގޮތުން ލާމަރުކަޒީ ގާނޫނު ފާސްކުރުމުގައި އަންހެނުންނަށް ވަކި އިންސައްތައަކަށް ގޮނޑި ލިބޭ ގޮތަށް ފާސްކުރިކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ވެސް އަންހެނުންގެ އަދަދު ގިނަ ކުރުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަންހެނުންނަށް ދިމާވެދާނެ ކަންކަމާ ގުޅޭ ގޮތުން ވިސްނުން ބެހެއްޓުން ކަން ފާހަގަކުރައްވައި، މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަމުގައި ނަޝީދު ވަނީ ދިވެހި ހުރިހާ އަންހެނުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަވައިފައެވެ.

