ކުރިއަށް އޮތް އެމްޑީޕީ ޗެއަރޕަރސަން އިންތިހާބާ ގުޅިގެން އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ހޫނުވެފައިވާއިރު މިކަމަކީ ފުރިހަމަ ޑިމޮކްރަސީގެ ނަމޫނާއެއް ކަމަށް ދެކޭނީ ކިހިނަކުން ހެއްޔެވެ؟ މި އިންތިހާބަކާހުރެ އެމްޑީޕީގެ ދެ ފެކްޝަނެއް އުފެދި، މިހާރު މިވަނީ ދެބުޅާ ކޯޅޭހެން، ދެފެކްޝަނުން ކޯޅެން ފަށާފައެވެ. އެންމެ ވަރުގަދައީ ކޮން ފެކްޝަނެއް ހެއްޔެވެ؟ ރައީސް ނަޝީދު ފެކްޝަންހެއްޔެވެ؟ ނޫނީ ރައީސް ސޯލިހުގެ ފެކްޝަންހެއްޔެވެ؟ މިއީ މިހާރު އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ މެމްބަރުގެ ހިތުގައި އުފދިފައިވާ ބޮޑު ސުވާލެވެ.
ބައެއް ބޭފުޅުން ދެކޭގޮތުގައި، ސިޔާސީ ޕާޓީ، ޕީޕީއެމް ދެފަޅިވެ، ރައީސް މައުމޫނުގެ އަތްޕުޅުން ރައީސް ޔާމީން ޕީޕީއެމް ހޯއްދެވި ގޮތަށް، އެމްޑީޕީގެ ބާރުވެރިކަން ރައީސް ނަޝީދުގެ އަތްޕުޅުން، ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙް ހޯއްދަވަން އުޅުއްވަނީއެވެ. ޗެއާޕާސަންގެ އިންތިޚާބޭ ކިޔުނު ކަމުގައިވިޔަސް، ދިވެހި މިސާލު ބަހުގައި ބުނާ، ބޮޑު ދެގެރި ތެޅުން ނޫން ދެވަނަ ކަމެއް މި އިންތިޚާބަކުން ނުފެނެއެވެ. ބޮޑުދެގެރި ތެޅޭވަރަކަށް ކަށްގަލަށް ބާރުކުރާނޭ ދިވެހިން މިސާލުޖަހައި އުޅެއެވެ.
ތެދެކެވެ. ކަށްގަލަށް މިހާރުވެސް ބާރު ކުރާން ފަށައިފިއެވެ. ބާރުވެރިކަން ހޯދުމުގެ މިދަތުރު، ނިމިގެންދާނީ، ސިޔާސީ ޕާޓީ ޕީޕީއެމް އަށް ކަންވެގެން ދިޔަގޮތުގައި ކަމަށް، ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަށް ދެކެއެވެ. އަދި އިތުރު ރީފޯމް ޕާޓީއެއް ސިޔާސީ ޕާޓީތަކުގެ ލިސްޓަށް އިތުރުވެދާނެކަމަށް ބައެއް ބޭފުޅުން ދެކެއެވެ.
ކޮންމެއަކަސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ނަޝީދު ފެކްޝަނުން ގެންދަނީ ރައީސް ސޯލިހުގެ ފެކްޝަނަށް ބޮޑެތި ތުހުމަތު ތަކެއް ކުރަމުންނެވެ. ނަޝީދު ފެކްޝަނުން ބުނާގޮތުގައި އެމްޑީޕީ އެންމެ ބޮޑަށް ވަކާލާތުކުރި އެއްކަމެއް ކަމަށްވާ ވަޒީފާގެ ބިރު ދެއްކުމާއި ނުހައްގުން ވަޒީފާއިން މީހުން ވަކިކުރުން ސޯލިހުގެ ފެކްޝަނުން ގެންދަނީ ކުރަމުން ކަމަށެވެ. އަދި އެއީ އެމްޑީޕީގެ އަސްލު އޮޅޭ ކަމެއް ކަމަށާއި، ވަޒީފާއިން މީހުން ވަކިނުކުރާނެ ކަމަށް ބުނެ އައި ސަރުކާރުން ވަޒީފާތަކުން މީޙުން ވަކިކުރަމުން ދިޔުމަކީ އެމްޑީޕީ އެދޭ ގޮތެއް ނޫން ކަމަށެވެ.
ވަޒީފާގެ ވާހަކައެއްވެސް މިއައީ މިއަދު ތިމާ ހިތްހަމަ ނުޖެހޭ ގޮތަށް ކަންތައް ވަމުންދާތީ އެމަންޒަރު ބަލަން ކެތް ނުވެގެންނެވެ. ތިމާ ދެކޭ ގޮތް ކުރިއަރައި ނުގޮސްދާނެ ކަމުގެ ބިރުހީވެގެންނެވެ. ވަޒީފާގެ ބިރުދެއްކުމާއި ވަޒީފާތަކުން މީހުން ވަކިކުރުމާއި ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުލާ ވެރިކަމަށް އައި ފަހުން އެކަން ހަނދާން ނެތުނު ބަޔަކަށް އެމްޑީޕީ ވަނީ ވެފައެވެ. ސަރުކާރު އައި ފަހުން ވަޒީފާތަކުން މީހުން ވަކިކުރި އަދަދުވެސް ވަކި މަދެއް ނޫނެވެ. އެކަމަކީ މިހާރަކު ފެންމަތިވެގެން ނޫނީ މިހާރަކު ދައްކާ ވާހަކައެއްވެސް ނޫނެވެ.
ސަރުކާރުގެ އެކި ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން މެމްބަރުންނާއި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރާ ބަޔަކު މީހުން ހިތްހަމަނުޖެހުމުން ކޮންމެވެސް މޮޅު ބަހަނާއެއް ދައްކައި އެމީހަކު ވަޒީފާއިން ވަކިކުރުމަކީ ހަމަ އާންމު ކަމެކެވެ. ނަމަވެސް މިއަދު މިވާހަކަ ދެކެވޭލެއް ތަންކޮޅެއް ގަދައީއެވެ.
ހެއްވާ ކަމަކީ، ދާދި ފަހަކުން ބޭއްވި އިންތިޚާބެއްގައި ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ފެނަކައިގެ ވެރިޔަކު މުވައްޒަފުންތަކަކަށް ބިރުދެއްކި ވާހަކަ ދައްކާނެ ބަޔަކު ނުވިއެވެ. އިންތިޚާބު ނިމުނު ފަހުން އެމްޑީޕީގެ މީސްމީޑިއާގައި ހަރަކާތްތެރިވާ ބައެއް މީހުން އެކަން ކުށްވެރިކޮށް ފެނަކައިގެ އެބުނާ ވެރިޔާއާމެދު ފިޔަވަޅު އެޅުމަށް ނުހަނު ބާރަށް ގޮވަމުންދިޔައެވެ. ޖެހިގެން އައި ދުވަހު އެމްޑީޕީގެ މުގުލުގައި ހުރި ރައީސް ނަޝީދު އެކަން މައްސަލައަކަށް ނުހައްދަވައި އެކަން ދިފާއުކުރައްވައިފިއެވެ. އެހިސާބުން އެވާހަކަވެސް ނިމިއްޖެއެވެ.
މިއަދު އެމްޑީޕީގެ މަސްލަހަތު ގެއްލި ޕާޓީގެ މަގްސަދު ގެއްލޭ ހިސާބަށް ކަންތައް ދިޔައީ ހަމަ އަސްލުވެސް ބަޔަކު ވަޒީފާގެ ބިރު ދައްކައިގެން ހެއްޔެވެ! ނޫނީ، ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާއިން މީހުން ވަކިކުރާ ވާހަކަ ދައްކައި ކުރިއަށް އޮތް އެމްޑީޕީ ޗެއަރޕަރސަން އިންތިޚާބުގައި އިދިކޮޅު ކެނޑިޑޭޓުގެ ބޮލުގައި އިލްޒާމް އަޅުވައި ޖައްސާ މޮޅު ކެމްޕެއިން ސްޓަންޓެއް ހެއްޔެވެ!
ފުރިހަމަ ޑިމޮކްރަސީއަކީ ހަމަ މިއީއެވެ. ސުވާލަކީ މި އިންތިޚާބު ނިމުމުން ދެން އެމްޑީޕީއަށް ވާނީ ކިހިނެއް ހެއްޔެވެ! މިއީ މީގެ ކުރިން އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ތަކުގައި ފެނިފައިވާ ކަންތަކެއް ނޫނެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް އެމްޑީޕީ އެތެރޭގެ ކޮންމެ އިންތިޚާބެއްގައި މަދުން ނަމަވެސް ފެންނަ ކަމަކަށް މިކަން ވަނީ ވެފައެވެ. އެންމެ ފަހުން ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިޚާބުގައިވެސް މިފަދަ ކަންތައް ދިމާވެފައި އެބަހުއްޓެވެ. އެހެން ނަމަވެސް މިއިންތިޚާބަށްވުރެ މުހިންމު ނުވުމުން އެކަން މާ ބޮޑުކަމަކަށް ނުވީ ކަމަށްވެސް ވެދާނެއެވެ. ބޮޑު ސުވާލައަކީ ހަގީގީ މަގްސަދު އޮޅުނީ ހެއްޔެވެ؟ ނޫނީ ޑިމޮކްރަސީ އޮޅުނީ ހެއްޔެވެ؟

