ތައުލީމު އުނގެނުމުގައި އަންހެނުން، ފިރިހެނުންނަށް ދޫނުކޮށް، މަތީ ސެޓްފިކެޓްތައް ހޯދަމުން އައި ނަމަވެސް، މުޖުތަމައުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ލިބުމުގައި އަންހެނުންނާއި ފިރިހެނުންނާމެދު ހަމަހަމަ ކަމެއް އަދިވެސް ނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މަތި އުތުރު ރީޖަންގެ ނައިބު ރައީސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އެމްއެންޕީން ބޭއްވި ބައްދަލުވުމެއްގައި ސިދާތާ ވިދާޅުވީ ރާއްޖޭގެ ބޮޑެތި މަގާމުތައް އަދާ ކުރުމަށް ގާބިލު އަންހެނުންނަށް ފުރުސަތު ލިބޭތަން ނުފެންނަ ކަމަށާއި އިސް ސަފުތަކުގައި އަންހެނުން މަދީ ޤާބިލް އަންހެނުން ނެތިގެން ނޫން ކަމަށެވެ.
އެގޮތުން ކުންފުންޏެއްގެ އެމްޑީއަކަށް އަންހެނަކު އެދުނަސް އެމަސައްކަތް އޭނައަށް ވާނެތޯ ސުވާލު އުފައްދާ ކަމަށް ސިދާތާ ފާހަނގަކުރެއްވިއެވެ. އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް އަންހެނުންގެ ހައްޤުތައް ކަށަވަރު ނުކުރެވި އެބަހުރިކަމަށް ސިދާތާ ވިދާޅުވިއެވެ. އަސާސީ ތައުލީމުވެސް ނުލިބި ގެއިން ބޭރަށް ނުނިކުމެވޭ ހާލަތުގައިވެސް އަންހެނުން އެބަތިބިކަން ފާހަނގަކުރެއްވިއެވެ.
ދިވެހި މުޖްތަމައުގެ ދެބައިކުޅައެއްބަޔަށްވުރެ ގިނައީ އަންހެނުން ކަމަށާއި، އަންހެނުންނާ ނުލައި ނޫޅެވޭނެ ކަމަށްވެސް ސިދާތާ ވަނީ ވިދާޅުވެފައެވެ.

