އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށް މަކަރާއި ހީލަތުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ދިވެހިން ވިޔަފާރި ކުރަން ބޭނުންކުރާ އައިބޭ އަދި އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް މަކަރާއި ހީލަތުން މުދާ ހޯދުމަށް ފޭކު ކޯލްތަކެއް އަނެއްކާވެސް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މިފަދަ ފޯންކޯލްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް މަކަރާއި ހީލަތުން މުދާ ނުވަތަ މޯބައިލް ފޯނު ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ހޯދަމުންދާ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި ގުޅާ މަކަރާއި ހީލަތުގެ ކޯލުތަކުގައި، މުދާ ގަތުމަށްފަހު މޯލްޑިވްސް އިސްލާމިކް ބެންކު މެދުވެރިކޮށް ފައިސާ ދައްކާފައިވާކަމަށް ބުނެ ސައްހަނޫން ސްލިޕްތަކެއް ފޮނުވަމުންދާ ކަމަށާއި އެ ފައިސާ، ތަކެތި ވިއްކާ ފަރާތުގެ އެކައުންޓަށް ޖަމާނުވާކަން އެނގެނީ މުދާ ޑެލިވަރީކުރާތާ 24 ގަޑިއިރު ފަހުންނެވެ.
އެހެންކަމުން، އޮންލައިން ވިޔަފާރިކޮށް ފައިސާދެއްކިކަމުގެ ބެންކް ސްލިޕް މުދާ ގަންނަފަރާތުން ފޮނުވި ކަމުގައިވިޔަސް ފައިސާލިބުމުން ނޫނީ މުދާ ޑެލިވަރީ ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

