ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސަރޗް ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިޔަށްގެންދަވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ދިރާސާއަކީ ތަޢުލީމީ ދާއިރާއަށް ތަޢުލީމު ފޯރުކޮށްދެއްވާ މަރުކަޒުތަކުގައި ތިއްބަވާ ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތައް އޮޅުންފިލުވައި، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށް ކުރެވޭ ވަރަށް މުހިންމު ދިރާސާއެއް ކަމުގައި ވިދާޅުވިއެވެ.
އަދި މި ދިރާސާގެ އަލީގައި ދެނެގަނެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އެކަންކަން ހައްލުކުރުމަށް ހުށަހަޅާފައިވާ ކަންކަން ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ތެރެއިން ތަންފީޒު ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސަރޗް ގްރޫޕުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ޓީޗަރުންގެ މުސާރަ، ވަރކްލޯޑާއި ވަރކް-ލައިފް ބެލެންސް، މުދައްރިސުންގެ ޙައްޤުތައް، މުދައްރިސުންނަށް ކުރާ ޤަދަރާއި އިޙްތިރާމް، މަސައްކަތް ކުރާތަނާއި ވަޞީލަތްތައް، ތަމްރީނާއި ތަރައްޤީ އަދި ތަޢުލީމީ ދާއިރާއަށް ކުރާ އަސަރު ހިމެނެއެވެ.
މި ދިރާސާ ކުރެއްވި ގްރޫޕްގައި ހިމެނިވަޑައިގަންނަވަނީ
1. ޑރ. އަޙްމަދު ޢަލީމަނިކު، މއ.މާނިކަ (ޗެއަރޕަރސަން) އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގެ ދާއިރާގެ މެންބަރު
2. ޑރ. ޢަލީ ނަޖީބު، ނީލް، ބ.ކުޑަރިކިލު ހިއުމަން ރިސޯސްގެ ދާއިރާގެ މެންބަރު
3. ޑރ. ޢާއިޝަތު ޝަފިނާ، ގ.މަންބަޢު ސޯޝިއޮލޮޖީގެ ދާއިރާގެ މެންބަރު
4. އަލްފާޟިލާ އާމިނަތު ޒުބައިރު، ކަޅުމަގިގެ، ސ.ހުޅުދޫ ޓްރޭނިންގެ ދާއިރާގެ މެންބަރު
5. އަލްފާޟިލް ޢަބްދުﷲ ޒަކަރިއްޔާ، އާހަނދުވަރު، ހއ.ދިއްދޫ ފައިނޭންސްގެ ދާއިރާގެ މެންބަރު
6. އަލްފާޟިލް ޢަބްދުﷲ ރަޝީދު، ދަކަދާމާގެ، ލ.މާބައިދޫ ތަޢުލީމީ ދާއިރާގެ މެންބަރު

