ދިވެހި އުފެއްދުންތެރިކަމުގެ މުބާރާތެއް ގއ.ގެމަނަފުށީގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވިދާޅުވެއްޖެއެވެ.
މިމުބާރާތާއި ބެހޭގޮތުން ހުވަދޫ ނިއުސްއަށް މައުލުމާތު ދެއްވަމުން ގެމަނަފުށީ ޑަބްލިޔު ޑީސީގެ ރައީސާ އާމިނަތު ފަރުޒާނާ ވިދާޅުވީ ދިވެހި ވަންތަ އުފެއްދުންތައް ހިމަނައިގެން ބާއްވާ މުބާރާތެއް މާދަމާ ބާއްވަން ހަމަޖެހިފައިވާ ކަމަށާއި މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެއްޗެހި އުފެއްދުމަށްފަހު މިއަދުގެ ނިޔަލަށް ހުށަޅަން ހުޅުވާފައިވާ ކަމަށެވެ.
18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާފައިވާ މިމުބާރާތުގެ ވަނަވަނައަށް ދާ ފަރާތްތަަކަށް ފައިސާގެ އިނާމް ހުށަހެޅިފައިވެއެވެ.
ރައީސާ ފަރުޒާނާ ވިދާޅުވި ގޮތުގައި މިކަހަލަ މުބާރާތްތަކަކީ އެރަށުގައި ވަރަށް މަދުން ނޫނީ ނުބާއްވައެވެ. އެހެންނަމަވެސް އުފެއްދުންތެރި އެއްޗެހި ހިމަނައިގެން އެރަށުގައި މީގެ ކުރިން މައުރަޒުތައް ބާއްވާފައިވާ ކަމަށް ރައިސާ ފާހަނގަ ކުރެއްވިއެވެ.
އިއްޔެ އަކީ ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަސް ކަމަށްވާތީ ގެމަނަފުށީ ޑަބްލިޔުޑީސީގެ ފަރާތުންވަނީ އެދުވަސް ފާހަނގަކުރުމުގެ ގޮތުން ރަށުތެރޭގައި އެކިއެކި ކުޅިވަރުތައް ބާއްވާފައެވެ. އަދި ރޭ ވަނީ ރަށުގެ ރައްޔިތުންނަށް ބޮޑު ކެއުމެއްވެސް ބާއްވާފައެވެ.
މީގެ އިތުރުން އަންހެނުންގެ ދުވަހުގެ ހާއްސަ ހަރަކާތެއްގެ ގޮތުން މިރޭ ހޭންޑްބޯލް މުބާރާތެއް ބާއްވަން ހަމަޖެހިފައިވާއިރު މާދަމާ ފޯރިގަދަ މަސްރޭހެއް އޮންނާނެ ކަމަށް ރައީސާ މައުލުމާތުދިނެވެ. މަސްރޭހުގައި މޮޅުވާ ޓީމަކަށް ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ.

