އެވިޑް ކޮލެޖުން އަންނަ މެއި މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެވިޑް ކޮލެޖުން ހުޅުވާލި ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލީ އެކަމަށްޓަކައި މިއަދު ހެނދުނު އެކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ.
އެވިޑް ކޮލެޖުން ތަފާތު ދާއިރާތަކުން ހިންގާ އެކިއެކި ދަރަޖަތަކުގެ 75 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެވިޑް ކޮލެޖުގައި މެއި މަހު ފަށާ ކޯސްތަކުގެ ތެރޭގައި ޝަރީއާ އެންޑް ލޯ، ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ޓީޗިން، އެޑިއުކޭޝަން، ސައިކޮލޮޖީ އަދި ކައުންސެލިން ހިމެނެއެވެ.
މި ދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތައް އެވިޑް ކޮލެޖުގައި ހިންގަމުން ގެންދެއެވެ.
އެވިޑް ކޮލެޖުން ވަނީ އެކޮލެޖުގައި ހިންގާ ކޯސްތަކުގައި ބައިވެރިވުމަށް އޮންލައިންކޮށް ކޯހަށް ވަނުމަށް ފޯމު ފުރާލެވޭނެ ކަމަށް ބުނެފައެވެ. ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތަކާއި ކޯސްތަކުގެ ފީގެ ތަފްސީލު އެވިޑް ކޮލެޖުގެ ވެބްސައިޓުންނާއި އެ ކޮލެޖުގެ ކޮންމެ ކެމްޕަހަކަށް ޒިޔާރަތްކޮށްގޮންވެސް ލިބޭނެ ކަމަށް އެ ކޮލެޖުން މައުލޫމާތުދެއެވެ.

