އެމްޑީޕީގެ އިސް ފަރާތްތަކުން ޑިމޮކްރެސީގެ ނަމުގައި ފޭހުނު އިލޮށިގަނޑު މިއަދު ހެރުނީ އަމިއްލަ ލޮލަށް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ގާތްވަމުން ދާވަރަކަށް ފެންނަމުންދަނީ އެމެމްޑީޕީ މަރުވެ މޫނު އަޅާ މަންޒަރު ކަމަށާއި ޑިމޮކްރެސީގެ ނަމުގައި ޕާޓީން ފޭހުނު އިލޮށިގަނޑު މިއަދު ހެރުނީ އަމިއްލަ ލޮލަށް ކަމަށެވެ.
ޖަމީލް އިތުރަށް ވިދާޅުވީ ޙައްޤު ބަސް ބުނަން ލިބުނު ކޮންމެ ވަގުތަކު ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ފަދަ ޕާޓީގެ އިސްބޭފުޅުންވެސް ދެއްކީ ޒާތީ ތަޢައްޞުބު ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ބޭއްވި ޕާޓީގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނާއި ރައީސް ސޯލިހުއަށް ތާއީދުކުރައްވާ ބޭފުޅުންގެ ދެމެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރަށް ހޫނުވެފައެވެ.
އެހެންކަމުން ގިނަބަޔަކު ދަނީ އެމްޑީޕީގެ މެމްބަރުންނަށް ފާޑުކިޔަމުންނެވެ.

