ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ޖައިލަމް އަހްމަދު ޝާކިރުގެ މަރުގެ ދައުވާ ލިބޭ ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
2015 ވަނަ އަހަރު ފެބްރުއަރީމަހު ދަރުބާރުގެ ކައިރީ ހުއްޓައި، ތޫނު އެއްޗަކުން ހަމަލާދީ ޖައިލަމް މަރާލި ކަމަށް ބުނެ ހަތަރު މީހެއްގެ މައްޗަށް ދައުލަތުންވަނީ ދައުވާ ކޮށްފައެވެ. ދައުވާ ލިބޭ ހަތަރު ފަރާތަކީ ވ. ސިނަމާލެ 4 އިސްމާއިލް އަނީގު، ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު، ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާން، އަދި ގއ. ވިލިނގިލި ފިޔަޖަހާގޭ މުހައްމަދު ހުމައިދުއެވެ.
ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ޖައިލަމަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ ޖައިލަމް ކައިރިއަށް ދިޔަ ހަމީދު ކަމަށެވެ. އޭނާ ތޫނު އެއްޗަކުން ޖައިލަމަށް ހަމަލާ ދިންއިރު، އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމަށް ހަމަލާ ދިން ކަމުގައެވެ. ނަސީބު ސައީދު އަދި އަލީ އިރުފާން ޖައިލަމަށް ހަމަލާ ދިން މީހުން ގޮވައިގެން ސައިކަލުގައި ގޮސް އެ މީހުން ފިލުވުމަށް މަސައްކަތް ކޮށްފައިވާ ކަމުގައެވެ.
ޖައިލަމްގެ މަރަށް ހަތްއަހަރު ވީ ފަހުން މިމައްސަލައިގެ ޝަރީއަތުގައި، ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ދައުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖުތަކުން އެ ތަނުގައި ތިބީ ދައުވާ އުފުލިފައިވާ ހަތަރު މީހުން ކަން ސާފު ނުވާ ކަމަށާއި ފުލުހުން ތަހުގީގުކޮށް އެކުލަވާލާފައިވާ ރިޕޯޓްގައިވާ ގިނަ ކަންކަން ދައުވާ އުފުލިފައިވާ ހަތަރު މީހުނާއި ގުޅުވައި ނުލެވޭ ކަން ޝަރީއަތުގައި ހެކިބަސް ދިން ފުލުހުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ދައުވާ ލިބޭ ހަތަރު މީހުންގެ މައްޗަށް ޖައިލަމްގެ މަރުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

