އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕެއިން ހުވަދުއަތޮޅުގައި ފަށައިފިއެވެ.
ފައްޔާޒުގެ ކެމްޕެއިން ހުވަދުއަތޮޅުގައި ފެށުމަށް މިރޭ ގދ. މަޑަވެލީގައި ބޭއްވުނު ޚާއްސަ ބައްދަލުވުން ފައްޓަވައިދެއްވީ ތިނަދޫ ދެކުނުދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ. މި ބައްދަލުވުމުގައި މަޑަވެލި ދާއިރާގެ އެމްޑީޕީ ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ފައްޔާޒްގެ ކެމްޕެއިން ހުވަދު އަތޮޅުގައި ފެށުމަށް މިރޭ މަޑަވެލީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން— ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
ކެޕްމެއިން ފެއްޓުމުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރ ސަނީފް ވިދާޅުވީ، އެމްޑީޕީ ޗެއާޕާސަންގެ އިންތިޚާބަކީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކަށް ވާތީ، އިންސާފުވެރިކަމާއެކު، އެއްބަޔަކު އަނެއްބަޔަކު ޒާތީ ނުވެ ކެމްޕެއިންކުރުން މުހިންމު ކަމަށާއި، އަދި މިއީ ކެންޑިޑޭޓް ފައްޔާޒުގެ އިލްތިމާސެއްވެސް ކަމުގައެވެ.

ފައްޔާޒްގެ ކެމްޕެއިން ހުވަދު އަތޮޅުގައި ފެށުމަށް މިރޭ މަޑަވެލީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން— ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
މިބައްދަލުވުމަށްފަހު، ހުވަދޫ މިޑިޔާއަށް މައުލޫމާތުދެއްވަމުން، މެމްބަރ ސަނީފް ވިދާޅުވީ، މިދަތުރުގައި، މަޑަވެއްޔަށް އައުމުން، އެމްޑީޕީ މެމްބަރުންގެ ފަރާތުން ފެނިގެންދިޔަ ހޫނު ތަރުޙީބަށް ވަރަށްބޮޑަށް ޝުކުރު އަދާކުރާކަމަށެވެ. މަޑަވެލިން ލިބުނު ތަރުޙީބަށް ބަލާއިރު އުންމީދު ކުރެވެނީ، މަޑަވެލިން ފައްޔާޒަށް ރަނގަޅު ކާމިޔާބީއެއް ނެރެވޭނެ ކަމަށެވެ.
ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މެމްބަރ ސަނީފް ވިދާޅުވީ، ފައްޔާޒްގެ ރަސްމީ ކެމްޕެއިން ދަތުރުފުޅެއް ގދ.ހޯނޑެއްދޫ އަށް ކުރައްވާނެ ކަމަށާއި، އެ ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެން ރައްޔިތުންނާއި ގާތުން ބައްދަލު ކުރައްވާނެ ކަމަށެވެ.
މިދަތުރަށްފަހު، ފައްޔާޒުގެ މިކެމްޕެއިން ޓީމް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ، ވެރިކަން ކުރާރަށް، ގދ. ތިނަދޫ އަށެވެ.

