ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު "ކޮސް" ގޮވުން ހުއްޓާލައްވައި، މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިދިކޮޅުން ހިންގާ "އިންޑިޔާ އައުޓް" ކެމްޕެއިނަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި މިކެމްޕެއިންގެ ސަބަބުން ރައްޔިތުންނަށް ލިބެނީ ގެއްލުން ކަމަށެވެ.
ނަޝީދުގެ އެ ޓްވީޓަށް ރައްދު ދެއްވަމުން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނަޝީދު ކޮސް ގޮވުން ހުއްޓާލައްވައި، މަސްއޫލިއްޔަތު އަދާ ކުރެއްވުމަށެވެ.
މަލީހު އިތުރަށް ވިދާޅުވީ ދައުރު ނިމިގެންދާއިރުވެސް އަދިވެސް އޮތީ ސުމެއްގަ ކަމަށާއި ކޮސް ނޮގޮވައި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށެވެ.
އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިނުވުމަށް ނަޝީދު ވަނީ، ޕީޕީއެމްގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ގއ.މަހިބަދޫގައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަނީ "ކޮސް" ވާހަކަތަކެއް ކަމަށެވެ.

