ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އިން ޓިކްޓޮކް ޗެލެންޖެއް އިއުލާންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓަރީގެ 50 އަހަރު ފާހަނގަ ކުރުމުގެ ގޮތުން ރޭ “ނަލަނަލަ ރާއްޖެ” ލަވަ ނެރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޗެލެންޖު އިއުލާންކުރީ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ތޮއްޔިބު ޝަހީމެވެ. މިޗެލެންޖު ފެށުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.
ޓިކްޓޮކް ޗެލެންޖުގައި ދިވެހިންނާއި ބޭރު މީހުންނަށް ބައިވެރިވެނޭއެވެ. އެހެންނަމަވެސް އިނާމް ހުށަހަޅާފައިވަނީ ދިވެހިންނާއި ބިނދޭސީންނަށް ވަކިވަކިންނެވެ.
އެގޮތުން ދިވެހިންގެ ތެރެއިން އެއްވަނަ އަށް ދާ މީހަކަށް 25،000ރ. ލިބޭއިރު ދެވަނަ އަށް 15،000ރ. އަދި ތިންވަނަ އަށް 10،000ރ. ލިބޭނެ އެވެ. އަދި ބިދޭސީންގެ ތެރެއިން އެއްވަނަ އަށް ދާ މީހަކަށް ދެ މީހެއްގެ އަށް ދުވަހުގެ ޗުއްޓީ ޕެކޭޖެއް ލިބޭނެ އެވެ. ދެވަނަ އަށް ހޮވޭ މީހެއްގެ އިނާމަކީ ދެ މީހެއްގެ ފަސް ދުވަހުގެ ޗުއްޓީ ޕެކޭޖެކެވެ.
އެ ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ މީހުން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީގެ ޓިކްޓޮކް އެކައުންޓަށް ލާ “ނަލަނަލަ ރާއްޖެ” ލަވައިގެ އޯޑިއޯ ބޭނުންކޮށްގެ އެ މީހުންގެ އަމިއްލަ އުފެއްދުމުގެ މައްޗަށް ވީޑިއޯތައް ހަދާށެވެ. ވަނަތައް ހޮވާނީ ވީޑިއޯތަކުން ވިއުސް އާއި ލައިކްސް އާއި ޝެއާ އެއްކޮށްގެން އެންމެ ގިނައިން މީހުންނާ އިންޓަރެކްޓްވާ ވީޑިއޯތަކަށެވެ.
މި ޗެލެންޖު އިއުލާން ކުރަމުން ތޮއްޔިބު ވިދާޅުވީ މިއީ އެ ލަވަ އާއި ގޯލްޑަން ޖުބިލީ އިޝްތިހާރު ކުރުމަށް ފަށާ ހަރަކާތެއް ކަމަށެވެ.

