އޮންލައިން ނޫސް “މިހާރު” ގައި ޖަހާފައިވާ ހަބަރެއްގައި، ދޮގު މައުލޫމާތުތަކެއް ހާމަކޮށްފައިވާތީ އެކަންތައް އިސްލާހު ނުކޮށްފިނަމަ އެނޫސް ގޮވައިގެން ކޯޓަށް ދާނެ ކަމަށް ބުނެ އަލްހާން ފަހުމީ އިންޒާރު ދެއްވައިފިއެވެ.
އަލްހާން ދެންމެ ކުރެއްވި ޓުވީޓެއްގައި ބުނީ، މިހާރު ނޫހުން ޖަހާފައިވާ އާރޓިކަލްގައި އޭނާއާ ބެހޭ ގޮތުން ލިޔެފައިވާ ދޮގު ކުރިއަށް އޮތް ދެގަޑިއިރު ތެރޭގައި އިސްލާހު ނުކޮށްފިނަމަ އެނޫހުގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.
އަލްހާން މިހެން ބުނެފައިވަނީ، މިހާރު ނޫހުގައި ޖަހާފައިވާ، އަލްހާންގެ އިންވެސްޓްމަންޓް ފަންޑަކީ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެ ފަދަ ފަންޑެއް ކަމަށް ލިޔެފައިވާ އާރޓިކަލްއަކާއި ގުޅިގެންނެވެ.
އަލްހާން މިހެން ބުނެފައިވާއިރު، އޭނާގެ ކުންފުންޏަކީ ބޮޑު ފްރޯޑެއް ކަމަށް ބުނެ އެކުންފުނީގެ ބެންކު އެކައުންޓު މިހާރު ވަނީ ފްރީޒް ކޮށްފައެވެ. އެކަމާ ގުޅިގެން އެމްއެމްއޭއިން ނެރެފައިވާ ނޫސްބަޔާނަށް އަމާޒުކޮށް އަލްހާން ވިދާޅުވީ ޒަމާނީ ވިޔަފާރި ނޭނގޭ ބަޔަކު ޤައުމުގެ ބޮޑެތި މުއައްސަސާތަކަ ހަވާލުވެ، ނުފޯރާ ފޮތިން ފޫގަޅަނީ ކަމަށާއި އޮންލައިން ޓްރޭޑް ކުރުމަކީ ޤާނޫނީ ކުށެއް ނޫން ކަމަށެވެ.
އަލްހާން ފަހުމީގެ “ކިންގްސް ފޮރެކްސް ޓްރޭޑިން”ގެ ނަމަކަށް ކިޔާ ކުންފުނީގެ އެކައުންޓު ފްރީޒްކުރަން ޖެހުނު ސަބަބެއް ކަމަށް އެމްއެމްއޭއިން ބުނަނީ ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނެ އެކުންފުނިން މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދާތީ ކަމަށެވެ.

