ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ގދ.ވާދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ އެވޯޑް ނައިޓެއް ރޭ ބާއްވައިފިއެވެ.
ވާދޫގައި ރޭ ބޭއްވުނު އެވޯޑް ނައިޓަކީ ފާއިތުވީ 14 އަހަރުގެ ތެރޭގައި އެކިއެކި ދާއިރާތަކުން ޤައުމަށް އަދި ރަށަށް ދިގުމުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ ނުވަތަ ރީތި ނަން ހޯދާފައިވާ ވާދޫއަށް ނިސްބަތްވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކައުންސިލްގެ ފަރާތުން އެވޯޑް ދިނުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ.
މިރަސްމިއްޔާތުގައި ކައުންސިލް ގެ އެހާރާއި މިހާރާއި ބެހޭ ރިޕޯޓް ހުށަހެޅުމުގެ އިތުރުން ކައުންސިލްގެ ލޯގޯ ވަނީ އިފްތިތާހުކޮށްފައެވެ.

މީގެ އިތުރުން ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 އިން ވާދޫ ޓީމަށް ޗެމްޕިއަންކަން ލިބުމާއި ގުޅިގެން ޗެމްޕިއަން ތަށި ކައުންސިލާއި ހަވާލުކުރެވުނެވެ. އަދި ގިނަ ދުވަހު ކައުންސިލަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް ކައުންސިލުން ދޭ ހާއްސަ އެވޯޑްތަކެއް ވަނީ ހަވާލުކުރެވިފައެވެ. އޭގެތެރޭގައި ކައުންސިލުންދޭ ހިތްވަރު ދިނުމުގެ އެވޯޑާއި، ކައުންސިލުންދޭ ޕާރފޯމަންސް އެވޯޑްގެ އިތުރުން ކައުންސިލުންދޭ ޝަރަފުވެރި ދިނުމުގެ އެވޯޑު ހިމެނެއެވެ.
މިއެވޯޑްތައް ހާސިލްކުރެއްވި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި މަޝްހޫރު ފަންނާނުންނާއި، އިސް މަޤާމުތަކުގައި އުޅުއްވާ ބޭފުޅުން ހިމެނެއެވެ.
މީގެކުރިން ވާދޫގައި މިފަދަ އެވޯޑެއް ދީފައިނުވެއެވެ. މިއީ ވާދޫ ކައުންސިލުން އިސްނަގައިގެން ދެވުނު ފުރަތަމަ އެވޯޑެވެ.

