މިޔަރު ބޭނުންމަށްފަހު އޭގެ އުރަހަ ނަގާ ބާކީބައި މޫދަށް އުކާލާތަން ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން، ޑިންގީއެއްގައި މިޔަރުގެ މަސްވެރިކަން ކުރަން ނުކުމެ އުޅޭ ތިން މީހުން، މިޔަރު ބޭނުމަށްފަހު އޭގެ އުރަހަ ކަނޑާ ނަގާފައި މިޔަރުގެ ބާކީ ބައިތައް މޫދަށް އެއްލާލާތަން ފެނެއެވެ.
ޑްރޯން އެއް ބޭނުންކޮށްގެން ނަގާފައިވާ މިވީޑިއޯއިން ފެންނަ ގޮތުގައި، ޑްރޯން އެޑިންގީއައި ދިމާލަށް ތިރިކުރަން ފެށުމުން ދޯނީގައި ހުރި އެކަކު ދިގު ދަނޑިއެއް ނަގައި ޑްރޯންގައި ޖަހަން އުޅެއެވެ. މި ވީޑިއޯ އާއްމުކޮށްފައިވާ ފަރާތުން ބުނެފައިވަނީ މީ ދިވެހިން ބައެއްކަމަށާއި މި ވީޑިއޯ ނަގާފައިވަނީ ފުވައްމުލަކުގެ ރަސްގެފަންނު ސަރަހައްދުންކަމަށެވެ.
ރާއްޖޭގައި، މިޔަރުގެ ބާވަތްތައް ހިފައި ބޭނުން ކުރުން 2021 ވަނަ އަހަރުން ފެށިގެން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް ބައެއް މީހުން މިޔަރު ބާނައި އޭގެ އުރަހަ ނަގާ ވިޔަފާރިކުރަމުން ގެންދެއެވެ.
އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު 429 ކިލޯ މިޔަރު އުރަހަ މިދިޔަ އަހަރުގެ ތެރޭގައި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. 21 ފޮއްޓެއްގައި ބަންދުކޮށްގެން މިތަކެތި ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތްކޮށްފައިވަނީ ލޮނުމަހުގެ ޝިޕްމަންޓެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ މެދުތެެރޭގައި މިޔަރުގެ މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް އދ. މާންދޫ ކައިރިންވެސް ވަނީ އަތުލައިގެންފައެވެ. މި ދޯނީގައިވެސް މިޔަރާއި މިޔަރުގެ އުރަހައާއި ލޮނު އަޅާފައިވާ މިޔަރު މަސް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

