މޯލްޑިވިއަން އައިޑަލް ދެވަނަ ސީޒަނުން ބެލުންތެރިންގެ ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ހަސަން އިރުފާން (ޒަކިއްޓެ)ގެ އައު ލަވަ "ފާތިމާ" އަޑުއެހުމަށްފަހު އެހުންތެރިންގެ ތަޢުރީފުގެ ކޮމެންޓްތައް ބަންޑުންޖަހަން ފަށައިފިއެވެ.
ސައުންޑްކްލައުޑަށް ލާފައިވާ މިލަވަ އަކީ ފިޔަވަހިތަކަށް ބަހާލައިގެން ޒަކިއްޓެ ނެރުމަށް ތައްޔާރުވަމުން އަންނަ ’އެގާރަ 11’ އަލްބަމުގައި ހިމެނިގެންދާނެ ލަވައެކެވެ.
މިލަވައަކީ ހިތްޤައިމު އަމިއްލަ ރާގަކަށް ޒަކިއްޓެ ހަދާފައި އަދި އަމިއްލައަށް ކިޔާފައިވާ ލަވައެކެވެ. މިލަވަ ލަވަފޮށިންވެސް އަޑުއިވިގެންދާނެއެވެ.
މިލަވައާ ބެހޭ ގޮތުން މުނިއަވަސްއަށް މައުލޫމާތު ދެއްވަމުން ޒަކިއްޓެ ބުނެފައިވަނީ މިހާރު ރިލީޒްކޮށްފައިވާ "ފާތިމާ" ލަވައިގެ ވާރޝަން އަލްބަމްގައި ހިމަނާފައިވާ ލަވަޔާ ތަފާތުވާނެ ކަމަށެވެ.
އެގޮތުން އެގާރަ ފޭސް 1 ގައި ނެރެން ހަމަޖެހިފައިވަނީ 3 ލަވަ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ލަވަޔަކީ "ފާތިމާ"، ދެވަނަ ލަވަޔަކީ "ހީވާހެން" އަދި ތިންވަނަ ލަވައަކީ "ޑިއްބި ޑިއްބި" ކަމަށް ޒަކިއްޓެ ވަނީި މައުލޫމާތުދީފައެވެ.
މީގެއިތުރުން "އެގާރަ 11" އަލްބަމް ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރު ނޮވެމްބަރގައި ކަމަށް ޒަކިއްޓެ ވަނީ ހާމަކޮށްފައެވެ.
ޒަކިއްޓެގެ "ފާތިމާ" އަޑޫއެހުމަށްފަހު އެހުންތެރިންދަނީ އެލަވައަށް ތައުރީފްގެ ކޮމެންޓުތައް އޮހޮރަމުންނެވެ.

