ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ކަރަންޓު ހިދުމަތުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތެލުގެ އަގު ބޮޑުވި ނަމަވެސް، ފްލެޓް ރޭޓެއްގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން ސްޓެލްކޯއިން ދޭ ކަރަންޓު ޚިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
” ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ސްޓެލްކޯއިންދޭ ކަރަންޓުގެ އަގު ބޮޑު ނުކުރާނެ. ފްލެޓު ރޭޓެއްގައި ސްޓެލްކޯގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިދީފައި.” އަޙުމަދު ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯއިން މިހެން ބުނެފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ވަނީ ބޮޑުވެފައެވެ. އެގޮތުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14.60ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް އުޅެނީ 14.80 ރުފިޔާ އަށެވެ.

