ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 20 ރަށެއްގައި ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 34 މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފެއެެވެ.
ބީއެމްއެލް އިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ވީލްޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 170 އަށް ވުރެ ގިނަ ވީލްޗެއަރ ހަދިޔާ ކުރެވިފައިވާ ކަމަށެވެ. އަދި މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެހީވެދިނުމުގެ ގޮތުން ފޯރުކޮށްދިން އެހީއެއް ކަމަށް އެބޭންކުން ބުނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ޕްރޮގްރާމް ފެށީ ދިވެހިރާއްޖޭގައި މިފަދަ ވީލްޗެއަރގެ ބޭނުންޖެހިފައިވާ ކޮންމެ މީހަކަށް ވީލްޗެއަރއެއް ހަދިޔާކުރުމުގެ އަމާޒުގައި ފެށި ޕްރޮގްރާމެއް ކަމަށާއި، މި އަމާޒަށް ވާސިލްވުމަށް ކުރެވެމުންދާ މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށެވެ.
އަދި މި ވީލްޗެއަރގެ ޒަރިއްޔާއިން މުޖުތަމައުގައި ދިރިއުޅޭ އެހެން ފަރާތްތަކެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެމީހަކު އިހްތިޔާރުކުރާ ފަދަ އުފެއްދުންތެރި އަމިއްލަ މިނިވަން ދިރުއުޅުމެއް އުޅުމުގެ ފުރުސަތު ލިބިދޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ.
"މި ޕްރޮގްރާމްގެ ފައިދާ މުޅި ރާއްޖެއަށް ކުރަމުންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑު އުފަލެއް." ބޭންކުގެ ސީއީއޯ ވިދާޅުވިއެވެ.
ބީއެމްއެލް އިން 2017 ވަނަ އަހަރު ފެށި ވީލްޗެއަރ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުން ކަމަށް އެބޭންކުން ބުނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، މިދިޔަ ޑިސެންބަރު މަހު މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތް ޑިސޭބިލިޓީސް ގެ "ހެލްތީ ޕީޑަބްލިއުޑީސް ޕްރޮގްރާމް" ހިންގުމަށް އެ އެސޯސިއޭޝަން އަށް 100،000 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

