ފާއިތުވީ ދެއަހަރުގެ ތެރޭގައި އިންޑިޔާއިން ދިވެހިރާއްޖެއަށް ދީލަތި އެހީތަކެއް ވެދެއްވާފއިވާކަމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު، މިރޭ ދިވެހި ޤައުމާއި މުޚާޠަބު ކުރައްވަމަުން ވިދާޅުވެފައި ވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި އިންޑިއާގެ ވަރަށް ގިނަ ދީލަތި އެހީތަކެއް ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ. މިގޮތުން އެންމެ ގިނަ ޢަދަދަކަށް ކޯވިޑް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ އިންޑިޔާއިން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީ ގެއްލުން ކުޑަކުރުމަށް، 250 މިލިއަން ޑޮލަރުގެ ބޮންޑު އިންޑިއާއިން ވަނީ ގަނެފައި ކަމުގައި ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އަވަށްޓެރި އިންޑިޔާއިން ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ، ވަރަށް ގިނަ ސާމާނު ހަދިޔާކުރުމުގެ އިތުރުން، ފަތުރުވެރިކަން މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި، ރާއްޖެއަށް ޓްރެވަލް ކޮރިޑޯއެއް ހުޅުވައިދެއްވިކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގކުރެއްވިއެވެ.
ރާއްޖެއިން ބޭސްފަރުވާއަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހައިން އިންޑިއާއަށް ދެވޭނެގޮތްވެސް އެ ޤައުމުން ހަމަޖައްސައިދީފައިވާ ކަމަށާއި، މިއީ ކޯވިޑުގެ ތެރޭގައި އެހެން އެއްވެސް ޤައުމަކަށް އިންޑިއާއިން ނުދޭ ފުރުޞަތެއް ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
މާތް ﷲގެ މަތިވެރި އޯގާވަންތަކަމާއެކު، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައި ނަމަވެސް، މިދިޔަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ދިވެހިން ކުރި ތަޖުރިބާތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމުގައި ރައީސް ފާހަގ ކުރެއްވިއެވެ.
ސިއްޙީ ނުރައްކަލުގެ ހާލަތު އުވާލި ނަމަވެސް، ބަލިން ރައްކާތެރިވުމަށްޓަކައި އަޅުގަނޑުމެންގެ އާދައަކަށް ހެދި، ޞިއްޙީ ރަނގަޅު އާދަތައް އެގޮތުގައި ދަމަހައްޓަން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް އިޅްތިމާސް ކުރެއްވިއެވެ.

