ކޯވިޑުގެ އަޑިގަނޑުން އަރައިގަނެ ހިންދެމިލި މިވަގުތުގގައި، ވަރަށް ނުރައްކާތެރި ބަނަ ވިލާގަނޑެއް އަނެއްކާވެސް އަޅުގަނޑުމެންގެ ބޯމައްޗަށް އަރަމުން އަންނަ ކަމުގައި މިރޭ ދިވެހި ޤައުމާއި މުޚާޠަބު ކުރައްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކޮށްފިއެވެ.
ރައީސް ސިފަކުރެއްވި ގޮތުގައި، މިބަނަ ވިލާގަނޑަކީ، ރަޝިޔާއިން ޔޫކްރޭންގައި ކުރަމުންދާ ނުރައްކާތެރި ހަނގުރާމަ އެވެ. އެ ހަނގުރާމައިގެ ލޮޅުންތައް މުޅި ދުނިޔެއަށް ކުރަމުން އަންނަ ކަމުގައި ރައީސް ވިދާޅުވިއެވެ. ރަޝީޔާ ޔޫކުރެއިން ހަނގުރާމަ ރާއްޖެއާ އެތައް މޭލެއް ދުރުން ވިލާތުގެ ބައްރުގައި ހިގިނަމަވެސް، އެ ހަނގުރާމައިން އުފެދޭ އިޤްތިޞާދީ ލޮޅުންތައް، ދުރާއި ގާތުގައިވާ ހުރިހާ ޤައުމަކަށް ފޯރާކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކޮށްފައިވާ ގޮތުގައި، މިހަނގުރާމައިގެ ލޮޅުންތައް ރާއްޖެއަށްވެސް ވަނީ ފޯރަން ފަށައިފައެވެ. ރައީސް ވިދާޅުވިގޮތުގައި، ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމެވެ. އެހެންކަމުން، ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމުގައި ފެނިވަޑައި ގަންނަވައެވެ.
ޔޫކްރެއިން މައްސަލައިގައި ރާއްޖޭގެ ވިސްނުން ހާމަކުރަމުން ރައީސް ވިދާލުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ޙުރްމަތްތެރިކޮށްހިތުމުގެ މައްޗަށް ކަމުގައެވެ. މިއީ، އ.ދ. ގެ ޗާޓަރުގައި ކަޅާއި ހުދުން ކަނޑާނެގިފައިވާ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ބިންގާ ކަމުގައި ރައީސް ފާހަގކުރެއްވިއެވެ. ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން ޒަމާނުއްސުރެ ވަކާލާތުކުރަމުން މި އަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަޤްވާމީ ގުޅުންތައް ދަމަހައްޓަން ކަމުގައި ރައީސް ވިދާޅުވިއެވެ. މިއީ ދިވެހި ރާއްޖެއިން ޤަބޫލުކުރާ ހަމަކަމުގައި ރައީސް ވިދާޅުވިއެވެ.
ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލައި ޔޫކްރެއިނުން ފޭބުމަށް، މިމަހުގެ 2 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުގައި، 141 ޤައުމުން ގޮވައިލި ގޮވައިލުމުގައި ބައިވެރިވެ ދިވެހިރާއްޖެ ވަނީ، ކުދި އަދި ނިސްބަތުން ބާރު ދަށް ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ރާއްޖެއިން އުފުލަމުން އަންނަ އަޑު އަނެއްކާވެސް ތަކުރާރުކޮށްފައެވެ.
ރައީސް ފާހަގކުރެއްވި ގޮތުގައި މިއީ ޔޫކްރެއިންގެ ރައްޔިތުންނަށް ވަރަށް ހިތްދަތި ވަގުތުތަކެކެވެ. އެމީހުންނަށް ލިބެމުންދާ އަނިޔާތަކާމެދު ރައީސް ހަމްދަރުދީ ފާޅުކުރެއްވިއެވެ. ދެފަރާތުގެ މެދުގައި ހުރި ދެބަސްވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި، ދެ ފަރާތުންވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވައިލާ ގޮވައިލުން ދިވެހިރާއްޖެއިންވެސް ވަނީ ތަކުރާރުކޮށްފައެވެ.
މި ހަނގުރާމަ ކޮންމެވެސް ދުވަހަކުން ކޮންމެ ގޮތަކަށް ނިމުނަސް، ޔޫކްރެއިން މިހާރު އޮތް ޙާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ ކަމަށާއި އަދި މި ހަނގުރާމައިން ދުނިޔޭގެ އިޤްތިޞާދަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށްވެސް އެހާ ދުވަސް ނަގާނެ ކަން ރައީސްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، ޔޫކްރެއިން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން އަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މިގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން، މި ހަނގުރާމައިގެ އަސަރުކުރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން، މިވަގުތު ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދިޔުން ހިމެނޭކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް، ޔޫކްރެއިނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެ ޤައުމަށް ދެވޭނެ ދުވަހެއް ޔަޤީންނުވާތީ، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރެވޭނެ ގޮތެއް ހޯދައިދިނުން މަސައްކަތް ކުރައްވާ ކަމަށާއި، އެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގުޅިގެން މިހާރު އަންނަނީ ކުރަމުން އަންނަ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މި ހަނގުރާމަ ދިގުދެމިގެން ގޮސް، އެންމެ ގޯސް ޙާލަތަކަށް ކަންތައް ހިނގައްޖެނަމަ، ރާއްޖޭގެ އިޤްތިޞާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސުން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުން ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކޮށް، ފަތުރުވެރިކަމަށް އިތުރު މާރކެޓްތައް ހޯދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)އިން މިހާރު ކުރަމުން އަންނަ ކަމުގައި ރައީސުލް ޖުމްހޫެރިއްޔާ މިރޭ ޤައުމާއި މުޚާޠަބު ކުރައްވަމުން ވިދާޅުވެފައި ވެއެވެ.

