ރާއްޖޭގެ އެންމެ ޒުވާން މަސްވެރިޔާ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ބުނެފިއެވެ.
“ޑިސްކަވާ މޯލްޑިވްސް” ގެ ނަމުގައި ސާޖިން ކުރުމަށް ނިންމާފައިވާ މި ދަތުރާއި ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވެސް އޭނާ ވަނީ ހިއްސާކޮށްފަ އެވެ.
ރައީސް ނަޝީދާއެކު ބޭއްވި ބައްދަލުވުމަށްފަހު ސާޖިން ބުނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދިޔުމަކީ އޭނާގެ ހުވަފެނެއް ކަމަށާއި، މި ދަތުރުގެ ތެރެއިން ރާއްޖޭގެ އެކި ރަށްތަކަށް މީހުން ދާންޖެހޭ ސަބަބުތަކާއި، ރާއްޖޭގެ އުތުރާއި، ދެކުނު އަދި މެދުރާއްޖެތެރޭގައި މަސްވެރިކަން ކުރާގޮތް ދައްކާލާނެ ކަމަށެވެ.
އޭނާ ބުނީ މިދަތުރުގެ ތެރެއިން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ދެމެހެއްޓެނިވި މަސްވެރިކަން ދުނިޔޭގެ މީހުންގެ ސަމާލުކަމަށް ގެންނަން މަސައްކަތް ކުރާނެ ކަމަށްވެސް ސާޖިން ބުންޏެވެ.
“ޑިސްކަވާ މޯލްޑިވްސް” އަށް ސާޖިން ތައްޔާރުވަމުން އަންނަ އިރު، މި ދަތުރު ފަށާނެ ތާރީޚެއް އަދި އޭނާ ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރާނަމަ މި ދަތުރަސް ގިނަ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.

