ރައީސް އޮފީހުގެ ރަސްމީ ޓުވިޓަރ އެކައުންޓުން ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލައްވާ ކެންޑިޑޭޓް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓެއް ރީޓުވީޓް ކުރެވިފައެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، ފައްޔާޒުގެ ޓްވީޓެއް ރީޓްވީޓް ކުރެވުނީ އޮޅިގެން ކަމަށެވެ. އަދި އެކަމަށް ރައީސް އޮފީހުގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ. ރައީސް އޮފީހުގެ ސޯޝަލް މީޑިއާ އަދި ވެބްސައިޓްތަކުން އެއްވެސް ކެންޑިޑޭޓަކު އެންޑޯޒްކޮށް އެއްވެސް މީހެއްގެ ކެމްޕޭން ހަރަކާތް ނުވަތަ ޕާޓީތައް އެންޑޯޒް ކުރަން މަސައްކަތް ނުކުރާ ކަމުގައިވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި މިފަދަ އިތުރުކަމެއް ވިޔަ ނުދިނުމަށްޓަަކައި ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.
ރައީސް އޮފީހުގެ ޓުވިޓަރ އެކައުންޓުން އޮޅިގެން ކުރެވުނު ޓުވީޓްގެ މައްސަލައިގެ އިންކުއަރީއެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. ރައީސް އޮފީހުން ރީޓްވީޓް ކޮށްފައި ވަނީ ފައްޔާޒް މ.އަތޮޅަށް ރަށާއި ފ.އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމާލެއްވުމަށް ފަހުގައި ކުރެއްވި ޓްވީޓެކެވެ.
ފައްޔާޒްގެ ޓުވީޓްގައި ވިދާޅުވެފައި ވަނީ މުލަކު އަދި ނިލަންދެ އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގައި ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ. ޕާޓީގެ ހިންގުން އެހެން މަރުޙަލާ އަކަށް އުފުލާލަން މެންބަރުން އެދޭ ކަމަށާއި އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވާނެ ކަމަށް ވެސް ރައީސް އޮފީހުން ރީޓްވީޓް ކުރި ޓްވީޓްގައި ފައްޔާޒް ވިދާޅުވެފައިވެއެވެ.

