ކްރިމިނަލް ކޯޓުން އޮންލައިންކޮށް މައްސަލަތައް ބަލައިގަންނަން ފަށައިފިއެވެ.
އޮންލައިންކޮށް ހުށަހަޅާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިގަންނަން ފަށާފައިވަނީ އިއްޔެގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މީގެ ކުރިން ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިގަންނަނީ ހުރިހާ ލިޔެކިޔުންތަކެއް ކޯޓަށް ގެންގޮސްގެން ކަމަށާއި އެހެންނަމަވެސް އިއްޔެއިން ފެށިގެން މައްސަލަތައް އޮންލައިންކޮށް ހުށަހަޅޭނެ ކަމަށެވެ. އަދި މިއީ ތާރީޚީ ކަމެއްގެ ގޮތުގައި ޝަމީމް ވަނީ ފާހަނގަކޮށްފައެވެ.
ޝަމީމް އިތުރަށް ފާހަނގަކުރެއްވި ގޮތުގައި ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިގެން މައްސަލަތައް ހުށަހެޅުމުގައި ގިނަ ވަސީލަތްތައް ބޭނުންކޮށް އެމަސައްކަތަށް ގިނަ ވަގުތު ބޭކާރުވެގެންދެއެވެ. އެހެންކަމުން އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރުމަށްފަހު ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއާގެ އޭޕީއައިއަކުން ކޯޓާ ގުޅާލާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. މީގެ ހަތްމަސްކުރިން އޮންލައިންކޮށް މައްސަލަތައް ހުށަހެޅޭނެ ގޮތް ހަދާފައި އޮތް ނަމަވެސް ޕީޖީ އޮފީހުން ދިޔައީ ކޯޓަށް ހުރިހާ ލިޔެކިޔުމެއް ފިޒިކަލީ ހުށަހަޅަމުންނެވެ.
މީގެކުރިން ކޯޓަށް އެ ދުވަހެއްގެ ހުށަހަޅައި މައްސަލަތައް ތަރުތީބުކޮށް، ގާޒީންނާ ހަވާލު ކުރައްވަނީ އިސްގާޒީ އެވެ. ނަމަވެސް، އޮންލައިންކޮށް މައްސަލަތައް ބަލައިގަންނަން ފެށުމުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފޮނުވައި މައްސަލަތައް ވަގުތުން ތަރުތީބުވެ، އެ މައްސަލައަކާ ހަވާލުވާ ގާޒީ ވެސް ތަރުތީބުން އެނގެން އޮންނާނެ އެވެ.
ޕީޖީ އޮފީހުން ބުނާގޮތުގައި އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި އިތުރަށް ފިޔަވަޅު އަޅަންޖެހޭނަމަ ޕީޖީ އޮފީހުގެ އިދާރީ މުވައްޒަފަކަށް ނުވަތަ އެކަމާއި ބެހޭ މުވައްޒަފަކަށް އެސްއެމްއެސްގެ ޒަރިއްޔާއިންނާއި، ސިސްޓަމް މެދުވެރިކޮށްވެސް އެމައްސަލަ ފޮނުވާނެއެވެ. އަދި މައްސަލައިގެ ލިޔުންތައް އޮންލައިންކޮށް ބަލައިގަތުމުން، މައްސަލައިގައި ނަގާފައިވާ ބަޔާންތަކާއި ލިޔުންތަކުގެ ކަރުދާސްތައް ފޮނުވާނެއެވެ.
ޝަމީމް ވިދާޅުވީ އޮންލައިންކޮށް މައްސަލަތައް ބަލައިގަތުމުން ކްރިމިނަލް ކޯޓާއި ޕީޖީ އޮފީހުގެ މަސައްކަތްތައް ވެސް ހަލުއި ވެގެންދާނެއެވެ. ފުލުހުން އެ އޮފީހަށް ހުށަހަޅާ މައްސަލަތައް، އޮންލައިން ޕޯޓަލަކަށް އަޕްލޯޑު ކުރުމުން، އެ ލިޔުންތައް ޑައުންލޯޑް ކުރެވޭ ނިޒާމު ވެސް ގާއިމްކޮށް އަންނަނީ ބޭނުން ކުރަމުންނެވެ.

