އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިސްކަން ދެއްވި 5 މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އޭސީސީއަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުވި 5 ބޭފުޅުންނާއި އިންޓަވިއު ކުރުމަށްފަހު މިއަދުގެ ޖަލްސާގައި ރިޕޯޓް ވަނީ ހުށަހަޅާފައެވެ. އަދި ހުރިހާ މެމްބަރުންގެ މަޝްވަރާއާ އެކީ ރައްޔިތުންގެ މަޖިލީހުން ވަނީ މި 5 މެމްބަރުންނަށް ރުހުންދީފައެވެ.
އޭސީސީއަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވި 5 ނަމަކީ:
އަލްއުސްތާޛް އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި
އަލްއުސްތާޛް އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ،
އަލްއުސްތާޛް ޠާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި
އަލްއުސްތާޛާ ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު
އަލްއުސްތާޛާ ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު
މިބޭފުޅުންގެ ތެރެއިން ޝާމިލް އާދަމަކީ އޭސީސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އިންވެސްޓި ގޭޓަރެކެވެ. އަދި ޢަބްދުއްސަލާމް ޢަލީ މިހާރުވެސް ހުންނެވީ އޭސީސީގެ އިންވެސްޓިގޭޓަރުންގެ ހެޑްގެ ގޮތުގައެވެ. މީގެ އިތުރުން ޠާހާ މުޙައްމަދަކީ ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރެވެ. އަދި ޝިޔާމާ މުޙައްމަދަކީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.
އޭސީސީއަށް މެމްބަރުން އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފައިވަނީ، އޭސީސީގައި ތިއްބެވި ފަސް މެންބަރުން މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ޖުމްލަ 5 މެންބަރުން ހިމެނިވަޑައިގަންނަވާ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ވޯޓް ނަގަން ތައްޔާރުވެފައިވަނިކޮށް ހުރިހާ މެންބަރުން ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އެއަށްފަހު އެ ކޮމިޝަން މިހާތަނަށް އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

