ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއެކު ސޮއިކޮށްފައި ވަނީ ރައިސާ ޕްރައިވެޓް ލިމިޓެޑެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ އެޗް.އާރް މެނޭޖަރ މުސްޠަފާ މުޙައްމަދުފުޅެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހިންގުން އިތުރަށް ހަރުދަނާކުރުންކަމަށެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެއްއަހަރު ދުވަސްތެރޭގައި ދެ ފަންގިފިލާއަށް ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މަރުކަޒަކީ ދިވެހި ދައުލަތުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ ޢިމާރާތެއްކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ. އަދި މިޢިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއެއްގެ އިތުރުން މީޓިން ރޫމެއް ހަދަން ނިންމާފައިވާކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
މީގެ އިތުރުން ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ނަމާދު ކުރާނެ ތަނެއް ޢިމާރާތްކުރުންވެސް ހިމެނެއެވެ. ނަމާދުކުރާ ތަނުގައި އެއްފަހަރާ 30 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮންނާނެކަމަށްވެސް އެ މިނިސްޓްރީއިން ފާހަގަކުރެއެވެ.

