ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓު ސަރަޙައްދުގައި ހަދާ ފުރަތަމަ ޕާކު “ހިޔާ ޕާކު” ރޯދައަށް ހުޅުވަން ނިންމައިފިއެވެ.
ހިޔާ ޕާކްގެ މަސައްކަތް އެޗްޑީސީން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެ ދުވަސްވަރު ކުރި މަސައްކަތަކީ އެ ސަރަހައްދު ފެހިކުރުމަށްޓަކައި ރުކާއި ގަސް އިންދުމުގެ މަސައްކަތެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ޕާކްގެ ފުރަތަމަ ފިޔަވަހީގެ 85 ޕަސަންޓް މަސައްކަތް ނިންމާލުމަށްފަހު ރޯދައަށް އެތަން ހުޅުވާލުން ކަމަށެވެ.
ޕާކު ތަރައްޤީކުރަމުންދާ އެޗްޑީސީން ބުނީ އެ ޕާކު ހަދަނީ ކޮންމެ އުމުރުފުރައެއްގެ ބަޔަކަށްވެސް އެތަން ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އެ މަގުސަދު ހާސިލްކުރުމަށްޓަކައި ޕާކް ހަދަނީ އިށީދެލައިގެން ތިބެވޭ ގޮނޑިތަކާއި އުނދޯލިތައް ވެސް ހިމެނޭ ގޮތަށެވެ.
ޕާކުގައި އައުޓްޑޯ ޖިމެއްގެ އިތުރުން ޕްލާޒާއެއް ވެސް ހެދުމަށް އެޗްޑީސީން ނިންމާފައިވެ އެވެ. މީގެއިތުރުން ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭ ގޮތަށް ހާއްސަ ސަރަހައްދެއް ޕާކް ތެރޭގައި ހެދުމަށް ހަމަޖެހިފައިވެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު މީހުން އާބާދުވާން ފަށާފައިވާއިރު، އެޗްޑީސީން ގެންދަނީ އެ ސަރަހައްދަށް ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތައް މިހާރުވެސް ފޯރުކޮށްދެމުންނެވެ. އެގޮތުން ފިހާރަތަކާއި ސެލޫނަކާއި މިސްކިތެއް މިހާރު އެސަޙައްދުގައި މިހާރު ވަނީ ހުޅުވާފަ އެވެ.

