ކޯޓުގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިން މީހަކު ހަމަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
މިދިޔަ އަހަރު ސްޕްޓެމްބަރމަހު ޖުވެނައިލް ކޯޓުގެ ގޯތިތެރޭގައި ހުރި އަނބުގަހަކުން މީހަކު ވަނީ ވަގަށް 72 އަނބު ބިދެފައެވެ. މިމައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ވައްކަމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއެވެ.
މިމައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން ވައްކަން ކުރި މީހާ ވަނީ ކުށަށް އިއުތިރާފްވެފައެވެ. އެހެންކަމުން ވައްކަމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް އަދި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އެއް މަހާއި 27 ދުވަހަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މީގެއިތުރުން އެހެން ގެޔަކުންވެސް އެމީހާ ވަނީ ހުއްދަނެތި ވަގަށް އަނބު ބިދެފައެވެ. މިމައްސަލައިގައި އިތުރު ދެ މަހާއި 23 ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ.
މިމައްސަލައިގައި ދައުވާ ކުރެވުނު މީހާ އާއި ބެހޭ މައުލޫމާތު ފުލުހުން އާންމުކޮށްފައިނުވެއެވެ.

