ބުރުގާ އެޅުމަކީ އިސްލާމީ ދީނުގައި މަޖުބޫރު ކަމެއް ނޫންކަމަށް ކަރްނާޓަކާ ހައި ކޯޓުން މިއަދު ނިންމައިފިއެވެ.
ހައިކޯޓުގެ ހުކުމުގައި ބުނާ ގޮތުގައި ބުރުގާ އެޅުމަކީ އިސްލާމް ދީނުގެ އަސާސީ ހުކުމެއް ނޫނެވެ.
އިންޑިޔާގެ ސްކޫލް އަދި ކޮލެޖްތަކުގައި ބުރުގާ އަޅައިގެން ކިޔަވަން ދިޔުން މަނާކުރުމާއި ގުޅިގެން އިންޑިޔާގެ މުސްލިމް ދަރިވަރުންނަށް މަލާމާތާއި އެތައް ފުރައްސާރަޔަކާ ކުރިމަތިލާންޖެހުނެވެ. ބުރުގާ އަޅައިގެން ސްކޫލްތަކާއި ކޮލެޖްތަކަށް ދިޔުމުން އެކުދިން ކްލާހަށް ނުވައްދާ ކުދިންގެ ކިޔެވުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މަގުމަތީގައި ހިނގާފައި ދާއިރު މުސްލިމް ދަރިވަރުންނަށް މަލާމަތްކޮށް ފުރައްސާކުރުމަކީ އާދައަކަށް ވެއްޖެއެވެ.
މުސްލިމް ދަރިވަރުން ބުރުގާ އެޅުން ސްކޫލުތަކުން މަނާކުރި ކުރުން ކަރްނާޓަކާ ކޯޓަށް ހުށަހެޅުމުން މަހެއްހާ ދުވަހަށްފަހު އެ މައްސަލައިގާ މިއަދު ވަނީ ހުކުމް އިއްވާފައެވެ. އިންޑިޔާގެ ހައިކޯޓުން މިއަދު އިއްވި ހުކުމާއި ގުޅިގެން ކަރްނާޓަކާގެ ސްކޫލުތަކުގައި މުސްލިމުންނަށް ބުރުގާ މަނާވާ މަނާވުން ދާއިމީ ވީއެވެ.
އެހެންކަމުން ކަރްނާޓަކާގެ މަސްލަހަތު އިތުރަށް ގޯސްވެދާނެކަމަށް ބަލައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ބޮޑެތި އެއްވުންތައް ކަރްނާޓަކާގެ އެއްވެސް ހިސާބެއްގައި ނުބޭއްވޭނެކަމަށް އިންޑީޔާ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
މުޒާހަރާ ކުރާ ދަރިވަރުން ބުނަމުންދަނީ މިއީ އެމީހުންގެ ދީނަށް އުޅުމުގެ ޙައްޤުގެ ބައެއް ކަމަށެވެ. އެހެން ކަމުން ބުރުގާ އަޅައިގެން ކޮލެޖަށް ވަންނަން ހުއްދަ ނުދެނީސް މިކަން ހުއްޓާނުލާނެ ކަމަށް އެކުދިން ވަނީ ބުނެފައެވެ.

