ކުރިއަށްއޮތް ތާނގައި ޗައިލްޑް ޑިވަލޮޕްމަންޓް ސެންޓަރެއް ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ޤާއިމްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު، ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި މިއަދު ހުޅުވުނު ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަކީ ނުކުޅެދުންތެރިކަން ތަހައްމަލުކުރަމުންދާ ކުދިންނާ އެކުދިންގެ އާއިލާތަކަށް ބޭނުންވާ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ގޮތުން ގާއިމުކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރުން ޚިދުމަތްދޭނީ 18 އަހަރުން ދަށުގެ ކުދިންނަށެވެ. މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސޯލިހުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، މި ސެންޓަރުން ލިބޭ ހިފުމަތްތަކަކީ މީގެ ކުރިން، ރާއްޖޭގައި ހޯދަން އުނދަގޫ ހިދުމަތްތަކެއް ކަމަށެވެ. އަދި މި ސެންޓަރުގެ ހިދުމަތް ރަސްމީގޮތުން ފެށުމާއެކު މި ދާއިރާއިން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސެންޓަރުގެ ހިދުމަތް ފުޅާކޮށް، މުސްތަގްބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ގާއިމުކުރެވިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ފައިސަލްގެ ވާހަކަގައި އަލިއަޅުވާލެއްވިއެވެ.
ހުޅުމާލޭަގއި ހުޅުވުނު މި ސެންޓަރުގައި މިހާރުވެސް 67 ކުއްޖަކު ރަޖިސްޓްރީވެ ޚިދުމަތް ހޯދަމުންދާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

