ތިނަދޫގައި ހުންނަ ޑރ،އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (ޑރ.އޭއެސްއެމްއެޗް) އަށް ހޭނައްތާ ޑޮކްޓަރެއް ލިބި މިރެއިން ފެށިގެން ޚިދުމަތް ދެވެން ފެށޭނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކުރިގޮތުގައި، ވަގުތީ ގޮތުން މެދުކެނޑިފައިވާ ހޭނައްތާ ޑޮކްޓަރުގެ ޚިދުމަތް އެ ހޮސްޕިޓަލުން ކުރިއެކޭ އެއްގޮތަށް މިރެއިން ފެށިގެން ލިބިގެންދާނެ ކަމަށެވެ.
އަދި މެދުކެނޑިފައިވާ ހޭނައްތައިގެން ކުރަން ޖެހޭ އޮޕަރޭޝަންތައްވެސް ކުރިއެކޭ އެއްގޮތަށް ކުރެވެމުންދާނެ ކަމަށްވެސް ޑރ.އޭއެސްއެމްއެޗް އިން ވަނީ ބުނެފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޑރ.އޭއެސްއެމްއެޗް ގައި ހޭނައްތާ ޑްކޮޓަރެއް ނެތި ގިނަ ދުވަސްތަކެއް ވުމުން އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދި ޑރ.އޭއެސްއެމްއެޗްގައި ޑޮކްޓަރުންގެ މައްސަލަތައް ޙައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މީގެ ކުރިން ބުނެފައެވެ.
ހެލްތް މިނިސްޓްރީގެ ދަށުން ވަކިކޮށް، ޑރ.އޭއެސްއެމްއެޗް މިހާރު ހިންގަނީ ވަކި ގަވާނިން ބޯޑެއްގެ ދަށުންނެވެ. އަދި ޑރ.އޭއެސްއެމްއެޗްގެ ބޯޑު އެކުލަވާލުމަށްފަހު ދާދި ފަހުން ވަނީ އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ކަމަށްވެސް ބޭފުޅަކު އައްޔަން ކުރައްވާފައެވެ.

