ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ “އިންޑިއާ އައުޓް” ހަރަކާތާ ގުޅިގެން އެމަނިކުފާނު ހައްޔަރު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މިމައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހަޅާފައިވަނީ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރެވެ.
ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުން ގިނަ މެމްބަރުން ވޯޓު ދެއްވީ އެބިލަށް ބަހުސް ކުރަން ނުފެންނަ ކަމަށެވެ. އެހެންނަމަވެސް ހަތަރު މެމްބަރަކު ވަނީ ޖާބިރުއާ އެއްކޮޅަށް ވޯޓު ދީފައެވެ. މަޖިލީހުގެ މެޖޯރިޓީ ވޯޓު ނުލިބުމާއި ގުޅިގެން މިބިލް ވަނީ ބޭރުކޮށްލާފައެވެ.
ޖާބިރުވަނީ އިއްޔެވެސް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. ހުރިހާ ދިވެހި ރައްޔިތުންނަށް އެއް ލައްކަ ގޯތި ދިނުމަށް އޭނާގެ ހުށަހެޅުއްވުމުގައި ގޮވާލައްވައިފައެވެ. ނަމަވެސް ޖާބިރުގެ ކުއްލި މައްސަލައަށް ބަހުސް ކުރައްވަން ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ. އެ ބަހުސަށް ހުޅުވާނުލައި ބޭރުކޮށްލަން 28 މެންބަރުން ވޯޓު ދެއްވުމުން، މައްސަލައިގެ ބަހުސެއް ކުރިއަކަށް ނުގެންދެއެވެ.

