އިންޑިއާގައި ހިނގާ ދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.
އިންޑިޔާގެ ކެރެލާ ސްޓޭޓްގެ ކޮޗިންގައި ހިނގާދިޔަ މިއެކްސިޑެންޓުގައި އަނިޔާވެފައިވަނި އއ. ބޮޑުފޮޅުދޫ، ދެތަނޑިމާގެ، އާދަމް ޝަހީމް އަށެވެ.
އާއިލާއިން މީޑީޔާއަށް މައުލޫމާތު ދިންގޮތުގައި މީގެ ތިންދުވަސް ކުރިން ރޭގަނޑަކު ޝަހީމް ގެއަށް ދަނިކޮށް ދުއްވާފަ ދިޔަ ސައިކަލެއް ޝަހީމްގެ ގައިގައި ޖެހި ވަނި އެކްސިޑެންޓުވެފައެވެ. އާއިލާއިން ބުނާގޮތުގައި މިއެކްސިޑެންޓުގައި ޝަހީމްއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
އެގޮތުން ޝަހީމްގެ މޫނުމައްޗާއި ލޯ ކައިރިން ފަޅައިގެން ގޮސް، ލޯ ކައިރިން ކަފައިގެން ގޮސްފައި ހުރި ތަނުން ލޭ މަނާ ނުވެގެން ކޮޗިންގެ އެހެން ހޮސްޕިޓަލަކަށް އޭނާ ބަދަލުކުރަން ޖެހުނު ކަމަށާއި މިހާރު ފަރުވާ ދެމުންދާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ލަފާގެ މަތިން ލޮލުގެ އޮޕަރޭޝަނެއް ހުކުރު ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާއިލާއިން ވަނީ މީޑީޔާއަށް މައުލޫމާތުދީފައެވެ.
ލޮލަށް ލިބުނު އަނިޔާގެ ސަބަބުން ޝަހީމްގެ ލޮލުގެ ކަޅި ނުހިފެހެއްޓި ވެއްޓެނީ ކަމަށާއި ނޭފަތާއި ތުންފަތް އިރައިގެން ގޮސް ފައިގެ އެކި ތަންތަނާއި ބޯ ފަޅައިގެން ގޮސްފައި ހުރި ކަމަށް މައުލޫމާތުދީފައިވެއެވެ.
ޝަހީމް އިންޑީޔާއަށް ގޮސްގެން އުޅެނީ އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރޮޅުލީގޮނޑިއެއް ގަންނާށެވެ.

