ސިޔާސީ މަޤާމުތަކަށް ޕާޓީ މެންބަރުން އައްޔަންކުރުމުގައި ރިއާޔަތްކުރާނެ އުސޫލުތަކަކާޢި ހަމަތަކެއް ޤާއިމްކޮށް އެ އިޖުރާއަތްތައް އަމަލު ކުރާ މިންވަރު ޤާއިމްކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ، އޭނާގެ ކެމްޕޭން ޓީމް މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ގދ.ތިނަދޫގައި ކެމްޕޭން މެނިފެސްޓޯ ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިންތި ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަން ދީފިނަމަ އެމްޑީޕީގެ ގައުމީ މަޖިލީހައި ގައުމީ ހިންގާ ކޮމިޓީއާއި، އަތޮޅު އަދި ސިޓީ މަޖިލީހާއި، އެމްޑީޕީގެ ދާއިމީ އެހެން ކޮމިޓީތައް މެދުވެރިކޮށް އެމްޑީޕީގެ ސިޔާސަތުތަކާއި، އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުވަމުންދާ ވަރު ބަލައި މޮނިޓާ ކުރަމުން ގެންދާނެ ކަމަށެވެ.
އަދި ސިޔާސީ މަޤާމުތަކާއި ވަޒީފާތަކަށް އެމްޑީޕީގެ މެންބަރުން އައްޔަން ކުރުމުގައި ރިއާޔަތް ކުރާނެ އުސޫލެއް ގާއިމް ވެފައި އޮންނަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން އެފަދަ ހަމަތަކާއި އިޖުރާއަތްތައް އެކަށައެޅުމަށް ފަހު އުސޫލު އުފައްދާނެ ކަމަށް އިންތި ވިދާޅުވިއެވެ.
“ސިޔާސީ މަގާމުތަކަށް ޕާޓީގެ މެންބަރުން އައްޔަން ކުރުމުގައި ރިއާޔަތް ކުރާނެ އުސޫލުތަކާއި، ހަމަތައް އެކަށައަޅައި، އިޖުރާއަތްތައް ގާއިމް ކުރެވޭނެ، އަދި އެ އިޖުރާއަތްތައް އަމަލު ކުރާ މިންވަރު މި ދެންނެވި ގުނަވަންތައް މެދުވެރިކޮށް ކަށަވަރު ކުރެވޭނެ،” އިންތި ވިދާޅުވިއެވެ.

